ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުންތަކުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް އަދި ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުންތަކާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ "ސިޔާސީ ދާއިރާގެ އެކި ލީޑަރުންގެ ބައިވެރިވުމަކީ އިންޑިއާއާއި ރާއްޖޭގެ ވަރުގަދަ އަދި ތާރީޚީ އެކުވެރިކަމުގެ ގުޅުމަށް ދެފަރާތުން ތާއީދު އޮތްކަން ހާމަކޮށްދޭ ކަމެއް" ކަމަށެވެ.
މީގެއިތުރުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުވުމުގައި ބޮޑުވަޒީރު މޯދީ ފާހަގަކުރެއްވި ގޮތުގައި ކުރީގެ ރައީސް ނަޝީދަކީ އަބަދުވެސް އިންޑިއާއާއި ރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.
ބޮޑުވަޒީރު މޯދީ އިތުރަށް ވިދާޅުވެފައިވަނީ "ނެއިބަރހުޑް ފަސްޓް" ސިޔާސަތާއި މަހާސާގަރުގެ ތަޞައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި ރާއްޖެ އަބަދުވެސް އޮންނަ އޮތުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށާއި، އިންޑިއާއިން ރާއްޖެއަށް ކެޕޭސިޓީ ބިލްޑިންގއާއި ތަރައްޤީގެ ދާއިރާއިން އެއްބާރުލުން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.