އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله އާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ.
މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެދުގައި އޮތް ގާތް ގުޅުމަށް އިތުރު ބާރުއެޅުމާއި، ޕާލަމެންޓަރީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވުނެވެ.
ބޮޑުވަޒީރު މޯދީ ވަނީ 20 ވަނަ މަޖިލީހުގައި އިންޑިއާ-މޯލްޑިވްސް ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެދިފައިވާކަން ފާހަގަކުރައްވައި، މިއީ ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި ވިދާޅުވެފައެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށާއި ކެޕޭސިޓީ ބިލްޑިންގ ދާއިރާއިން އިންޑިއާގެ އެހީތެރިކަން ކުރިއަށް އޮތްތަނުގައިވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ބޮޑުވަޒީރު މޯދީ ވަނީ ދެއްވާފައެވެ.
މި ބައްދަލުކުރެއްވުމަކީ ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގުޅުން އިތުރަށް ހަރުދަނާކޮށް، ޚާއްޞަކޮށް ޕާލަމެންޓަރީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުކުރެއްވުމެއްކަމަށް ބެލެވެއެވެ.