ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ކުރިއަށްގެންދިއުމަށް ހަމަޖެހިގެންދިއުމަކީ ދެގައުމުގެ އިޤްތިޞާދާއި ވިޔަފާރީގެ ގުޅުމުގައި ފާހަގަކޮށްލެވޭ ތާރީޚީކަމެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މި އެއްބަސްވުން ކުރިއަށްގެންދިއުމަށް ހަމަޖެހިގެންދިޔަކަން ވަޒީރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް އިޤްތިޞާދުކަމަށްވާ އިންޑިއާއާއެކު މި އެއްބަސްވުން އެކުލަވާލުމުން، މުދަލާއި ޚިދުމަތުގެ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވި، މާލީ ވިޔަފާރީގެ ބައިވެރިވުން އިތުރަށް ފުޅާވެ، ބޭންކިންގެ ދާއިރާއިންވެސް އިތުރު ފަސޭހަތައް ލިބިގެންދާނެކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ތަޞައްވަރުގެ ދަށުން، ދެޤައުމުގެ ފައިސާއިން ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ އިންތިޒާމް (ލޯކަލް ކަރަންސީ ސެޓްލްމަންޓް) ހަމަޖެހިގެން ދިއުމަކީ ދިވެހި އިޤްތިޞާދަށް ލިބިގެންދާ އިތުރު ކުރިއެރުމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ފައިނޭންޝަލް އިންކްލޫސިވްނެސް އިތުރުކުރުމަށްޓަކައި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް ރާއްޖެއާއިއެކު މަސައްކަތްކުރެވޭނެ ފުރުސަތު ފަހިވެގެން ދިއުމަކީވެސް ތާރީޚީ ކުރިއެރުމެއްކަމަށް ވަޒީރު ސަޢީދު ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް، މަޝްވަރާތައް ފެށުމާ ގުޅޭ އެއްބަސްވުމުގައި މިހާރުވަނީ ސޮއިކުރެވިފައެވެ.