ދިވެހި ޤައުމަށް އަލިވިލޭ ކޮންމެ ދުވަހަކީ މިނިވަންކަމުގެ އުފާވެރި އިޙްސާސްތަކުގައި ދިވެހި ރައްޔިތުން ލަހައްޓަވާ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވަނީ ދިވެހި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އަދި ދިވެހި ޤައުމަށް އަލިވިލޭ ކޮންމެ ދުވަހަކީ މިނިވަންކަމުގެ އުފާވެރި އިޙްސާސްތަކުގައި ދިވެހި ރައްޔިތުން ލަހައްޓަވާ ދުވަހެއް ކަމުގައި ލެއްވުމަށް އެދި ދުޢާކުރައްވާފައިވެއެވެ.
ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އިނގިރޭސީންގެ ހިމާޔަތުން ވަކިވެ ފުރިހަމަ މިނިވަން ޤައުމަކަށްވުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ދުވަހެވެ. މީގެ 60 އަހަރު ކުރިން 1965 ވަނަ އަހަރު މި އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް، އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ދިވެހި ދައުލަތް 77 އަހަރު ވަންދެން އޮތްކަން ފާހަގަކޮށްލެވެއެވެ.
މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިޢުލާނުކުރެވިފައިވެއެވެ.