ދިވެހިން މިނިވަންކަން ހޯދީ ރައްޔިތުންގެ ހިތްވަރާ ޤައުމީ ބަޠޮލުންގެ ޘާބިތުކަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ދިވެހިން މިނިވަންކަން ހޯދީ ރައްޔިތުންގެ ހިތްވަރާ ޤައުމީ ބަޠޮލުންގެ ޘާބިތުކަމުން!

ދިވެހިންނަށް މިނިވަންކަން ލިބި ރާއްޖެއަކީ މިނިވަން ޤައުމަކަށްވެގެންދިއައީ ރައްޔިތުންގެ ހިތްވަރުންނެވެ. ދޫނި ހިފާ މީހަކަށް ހެދިގެން ރާއްޖޭގައި އުޅުނު މީހާގެ ގައިގައި ބައިސްކަލުން ޖައްސައި މޫދަށް ވައްޓާލަން ކެރުނީތީއެވެ. ދިވެހި ކަނބަލުންނަށް ދޯނިފަހަރުގައި ފަލިޖަހާފައި ގޮސް ދޫނިދޫ ވަށާ ބުރުޖަހްން ކެރުނީތީއެވެ. މިފަދަ އެތައް ހިތްވަރެއް ކުރަން ކެރުނީތީއެވެ.  

ރާއްޖޭގެ ބޮޑުވަޒީރަށް ބިރުދައްކައިގެން ސޮއިކުރުވި އެއްބަސްވުމާއި ދެކޮޅަށް ބޮޑުވަޒީރުގެ ވަޒީރުންނަށް ތެދުވަން ކެރުން އެއީ ތާރީޚީ ނިންމުމެކެވެ. ވަޒީރުން އެދުވަހު ހާމަކޮށްދިނީ މުހިންމީ ބޮޑުވަޒީރު ނޫންކަމާއި ދިވެހި ޤައުމުކަމެވެ. އެދުވަހު ވަޒީރުންނަށް އެގޮތަށް ތެދުވަން ކެރުނީ ނަފްސް ވިއްކާނުލައި ރިޝްވަތުން ސަލާމަތްވެ ތިބެވުނީތީއެވެ.  

މިއަދާއި ހަމައަށް އައިއިރު ކަންކަން މިވަނީ މުޅިން ބަދަލުވެފައެވެ. ފެންނަމުން މިދަނީ ވެރިއަކަށް ހުންނަ މީހަކު ކުރާ ކޮންމެ ކަމަކަށް ރުހި "އާމީން" ކިޔައިގެން ތިބޭ ތަނެވެ. ދިވެހި މިނިވަންކަމުގެ ބާނީ އިބްރާހީމް ނާޞިރުގެ ވެރިކަމަށްފަހު ފެންނަމުން މިދަނީ އެކަމުގެ ހެކިތަކެވެ.  

އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ވަޒީރަކަށް ހުންނަވައިގެން އިބްރާހީމް ޝިހާބު ދެއްވި ފަދަ ތަޤްރީރެއް އެއިގެ ފަހުގެ ވަޒީރަކަށް ދެވިފައި ނެތްކަން މިކަމުގެ ހެއްކަކަށް ފުދޭނެއެވެ. ވެރިމީހާ ކުރާ ނުރަނގަޅު ކަްނަކމަށް ފާޑުކިޔުމުގެ ބަދަލުގައި އަބަދުހެން އިވެމުން މިދަނީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިޔަސް "ޙަމްދުޘަނާ" ކިޔާ އަޑެވެ.  

ފާއިތުވި ވެރިކަމުގައި އިސްލާމް ދީން ނިކަމެތިކޮށްލައި ގާދޫކޮލުން ބޭރުކޮށްލަން މަސައްކަތްކުރިއިރު އެއިން ކަމަކަށް ބަހެއް ބުނަން ކެރުނީ ކޮން ވަޒީރަކަށް ހެއްޔެވެ؟ ޙައްޤު ބަހެއް ނުބުނާތަނުގައި ދެމުން އައީ އެއްބާރުލުމެވެ. ގަލޮޅުދަނޑުގައި ބޭއްވީ ޔޯގާއަށް މިސްކިތްތަކުގެ އިމާމުންނަށް ޔޫތު މިނިސްޓްރީން ދަޢުވަތުދިންކަން މިކަމުގެ މިޘާލަކަށް ފުދެއެވެ. މިފަދަ އެތައް ކަމެއްގެ ވާހަކަ ބަޔާންކުރެވިދާނެއެވެ.  

ކޮންމެއަކަސް ދިވެހިންނަށް ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާ މިނިވަންކަން ޙަޤީޤީ މިނިވްނަކަމުގެ ގޮތުގައި ދެމެހެއްޓޭނީ ހަމަ ރައްޔިތުންގެ ހިތްވަރާއި ޘާބިތުކަމުންނެވެ. ސިޔާސީ އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުން ޘާބިތުކަން ދައްކަވައި ދެއްވައިގެންނެވެ.

މިއަދު އޮންލައިން