މާލޭގެ ތޮށި މަރާމާތުކުރުމުގެ މަޝްރޫޢަށް ޖަޕާން ސަރުކާރުން ދެއްވާ އެހީއާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 16ސ
މާލޭގެ ތޮށި މަރާމާތުކުރުމުގެ މަޝްރޫޢަށް ޖަޕާން ސަރުކާރުން ދެއްވާ އެހީއާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކޮށްފި

ޖަޕާން ސަރުކާރުގެ އެހީގައި މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫޢަށް ދެއްވުމަށް ހަމަޖެހިފައިވާ އެހީއާގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ދިވެހި ސަރުކަރާއި ޖަޕާން ސަރުކާރާ ދެމެދު މިއަދު ސޮއިކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. ޖަޕާން ސަރުކާރުން މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު، ޕާލަމަންޓްރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް މިސް އިކުއިނޯ އަކިކޯ އެވެ.

މި މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގެ ދަށުން ދެއްވުމަށް ހަމަޖެހިފައިވާ 10.5 މިލިއަން ޔޫ.އެސް ޑޮލަރު އަކީ މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫޢުގެ "ކޮންސްޓްރަކްޝަން ފޭސް" އަށް ދެއްވާފައިވާ އެހީއެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި މާލެ ވަށައި ލާފައިވާ ތޮށީގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން އެތޮށްޓަކީ ހަމައެކަނި ރައްކައުތެރިކަމުގެ ބިނާއެއް ނޫންކަމަށާއި، އެ ބިނާއަކީ ދެ ގައުމުގެ ދުވަސްވީ ގާތްގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއްކަން ފާހަގަކުރެއްވިއެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި ވެރިރަށް މާލެއަށް ލިބިގެންދިޔަ ރައްކައުތެރިކަމަކީ މާލޭ ވަށައިލާފައިވާ ތޮށީގެ ސަބަބުން ލިބިގެންދިޔަ ހިމާޔަތްކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިއަދު ސޮއިކުރެއްވި "އެކްސްޗޭންޖް އޮފް ނޯޓްސް" އަކީ މި މުހިއްމު މަޝްރޫޢު ކުރިޔަށް ގެންދިއުމަށްޓަކައި އެޅުނު ފިޔަވަޅެއް ކަމަށާއި ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އިތުރުވެގެންދާނެ ބޮޅެއް ކަމުގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ޖަޕާނާދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ޤައުމު ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބާ 2027 ވަނަ އަހަރު ފާހަގަކުރެވިގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި ހުޅުވާލެވިފައިވާ މިނިވަން އިންޑޯ ޕެސިފިކް ސަރަޙައްދަކަށް ރާއްޖެއިން ތާއީކުރާކަން ތަކުރާރު ކުރެއްވައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ޖަޕާނުން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބްގެ އިތުރުން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއާއި ޚާރިޖީ ވުޒާރާގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ޖަޕާން އެމްބަސީއާއި ޖައިކާ އޮފީހުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން