އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުންތައް ވަރަށް އަވަހަށް ތަންފީޒުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ މީޑިއާތަކުން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅޭ މަޝްވަރާތައް ފެށިފައިވާއިރު، މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ކުރާނެއެވެ.
ޔޫޕީއައި އަދި ފަވަރަ ނިޒާމު ގުޅާލުމުގެ އެއްބަސްވުން އަކީ ދެ ޤައުމުގެ ރައްޔިތުންނަށް ވަރަށް ބޭނުންތެރި އެއްބަސްވުމަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ސަބަބުން އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށާއި، އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ބޮޑުވަޒީރު މޯދީގެ ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމަށްވާއިރު، މި ދަތުރުފުޅާ ގުޅިގެން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޮޑުވަޒީރު މޯދީއަކީ އަވަށްޓެރި ޤައުމުތަކާ ބަދަހި ގުޅުމެއް ބޭއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ބޭފުޅެކެވެ. އަދި "ބޮޑުވަޒީރުގެ އިސްނެންގެވުމާއެކު އިންޑިއާއި ރާއްޖޭގެ ގުޅުމަށް އޮތީ ފާގަތި މުސްތަޤުބަލެއް" ކަމަށާއި، އިންޑިއާއިން ރާއްޖޭގެ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.