ޢިބްރަތްތެރި ވާހަކަ: ހެޔޮލަފާ އަނބިންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 7ސ
ޢިބްރަތްތެރި ވާހަކަ: ހެޔޮލަފާ އަނބިންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާ!

އުޅެން ބޭނުންވާހައި ގޮތަކަށް އުޅޭ އަންހެނުންވެސް ތިބެއެވެ. އެފަދަ އަންތބަކާއިއެކު ފިރިމީހާ ނޭރުކުރުމަކީ އެއްވެސް މައްސަލައެއް ކަމަކަށް އޭނާ ނުވެސް ދެކޭނެއެވެ. ނަމަވެސް ހެޔޮލަފާ އަނބިން މިކަމުގައި ވަރަށް ތަފާތެވެ. ސަބަބަކީ ތަދާވޭން އުފުލަމުންވެސް ކަރުނައަޅަމުންވެސް އެކަނބަލުން ތިބޭނީ ޢިއްފަތްތެރިކަމާއިއެކުގައި ކަމަށްވާތީއެވެ. 

މިމައްސަލައަކީ ކިޔުންތެރިންގެ ކިބައިން ވަރަށް ގިނައިން ލިބޭ މައްސަލައެކެވެ. އެހެންކަމުން ބުނެލަން ޖެހެނީ ހެޔޮލަފާ އަނބިންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާއަކީ އެކަނބަލުންނާއިއެކު ރޭނުކުރުން ކަމަށެވެ. ވީމާ މިއީ އެގޮތަށް ކަންކަން ކުރާ ފިރިން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ. އަނިޔާވެރިވުމަކީ އެކަމުގެ ޒިންމާ އުފުލަން ނުޖެހި ނުދާނެ ކަމެއްކަން ޔަޤީންކުރާށެވެ! 

ފިރިއަކަށް މިފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ވަރިކުރެވިދާނެއެވެ. ނަމަވެސް އަނބިމީހާ ގަދަކަމުން ވަރިވުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. ހެޔޮލަފާ އަނބިންނަށް އެކަން ކުރުން ވެފައި އޮންނަނީ ކުރަން އެންމެ އުނދަގޫ ކަންތަކަށެވެ. 

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! 

އަޅުގަނޑަކީ ކައިވެނިކޮށް 4 އަހަރުވެފައިވާ އަންހެނަކީމެވެ. ދަރިއަކު ލިބިފައިވެއެވެ. ދަރިފުޅުގެ ޢުމުރަކީ 2 އަހަރެވެ. ދަރިފުޅު ލިބުނު ފަހުން ފިރިމީހާ އަޅުގަނޑާއިއެކު އެންމެ ރެއަކުވެސް ރެއެއް ނުކުރެއެވެ. ފިރިމީހާއަކީ އެކަމަށް ނުލާހިކުބޮޑަށް ބޭނުންވާ މީހެކެވެ. އެހެންކަމަށްވާއިރުި އަޅުގަނޑުގެ ބޭނުން ނުކޮށް އޭނާ އެހުންނަ ގޮތަކާއިމެދުވެސް ސުވާލުއުފެދެއެވެ. 

މައްސަލަ ޙައްލުކުރެވޭތޯ ވަރަށް ގިނަ މަސައްކަތްކޮށްފީމެވެ. ރޮއި އާދޭސްވެސް ކޮށްފީމެވެ. ކިތަންމެ ވަރަކަށް ވާހަކަދެއްކިޔަސް އެގޮތަށް އެކަންކުރާ ސަބަބު ބުނެއެއް ނުދެއެވެ. އަންނަނީ ރުޅިއެވެ. 

އަޅުގަނޑުގެ މުޅި ޢުމުރު މިގޮތަށް ދުއްވާލާކަށް ބޭނުމެއް ނޫނެވެ. މިޙާލަތުގައި ވަރިއަށް އެދުމަކީ ހުއްދަ ކަމެއްތޯއެވެ؟ 

ކިޔުންތެރިޔާގެ ޙާލަތަށާއި ސުވާލަށް ބަލައި ބުނަން އޮތީ ދެމަފިރިން އެކުގައި ރޭނުކުރާނަމަ ކައިވެނީގެ މަޤްޞަދު އެވަނީ ގެއްލިފައެވެ. ގުޅުން ރަނގަޅު ކުރެވޭނެ މަގެއް ފެންނަން ނެތްނަމަ އެންމެ ރަނގަޅު ގޮތަކީ އަވަހަށް ވަރިވުމެވެ. އެކަމަކުވެސް އިސްތިޚާރާ ކޮށްލަންވާނެއެވެ. 

ތިރީގައި އެވަނީވެސް ތިއަފަދަ ޙާލަތެއްގައި ވޭން އުފުލި އަންހެނެއްގެ އިޙްޞާޞްތަކެވެ. އޭނާގެ ކައިވެނި މިހާރުވަނީ ކޯޓުން ރޫޅާލައިދީފައެވެ. ދެވަނަ ކައިވެނިވެސް ކޮށްފިއެވެ. ދިރިއުޅެމުން އަންނަނީވެސް ހަމަ ވަރަށް އުފަލުގައެވެ. 

އަޅުގަނޑަކީ އެންމެ އުތުރުގެ ރަށަކަށް ނިޞްބަތްވާ އަންހެނަކީމެވެ. ކައިވެނިކޮށް ޒަވާޖީ ޙަޔާތެއްގައި ދިރިއުޅެމުން އަންނަތާ 16 ވަރަކަށް އަހަރުވެފައިވާ އަންހެނަކީމެވެ. ކައިވެނީގެ ޙަޔާތުގެ އެންމެ ފަހު 4 އަހަރު މިހޭދަކުރީ ފިރިއަކާއިނުލައިކަމަށް ބުނެވިދާނެއެވެ. 

ހައިހޫނުކަން ފިލާވަރަށް ކައިބޮއިގެން ލިބިފައިވާ އެންމެ ދަރިފުޅާއިއެކު ދިރިއުޅުލެވޭވަރަށް ފިރިމީހާ ޚަރަދުކުރެއެވެ. ނަމަވެސް ދެމަފިރިން އެއްދާންނުކުރާތާ 4 އަހަރަށްވުރެ ގިނަވީއެވެ. 

ފިރިމީހާއަކީ މާލޭގައި ވަޒީފާއަދާކުރާ މީހެކެވެ. މާލޭގެ ތަނަވަސް އަންހެނަކާއި ދެއަންތބަށް ކައިވެނިކުރިތާ 6 އަހަރުވަރުވެދާނެއެވެ. ފިރިމީހާއަށް ބަދަލުތައް އަންނަން ފެށީ އޭނާއާއި ކައިވެނިކުރިފަހަކުންނޫނެވެ. ކައިވެނިކުރީންސުރެ ފިރިމީހާ އަހަރެން ގެންގުޅުނީ ވަރަށް ދުރުކޮށެވެ. ގާތް ގުޅުން އުފެއްދުމާއި ލޯބިދިނުމަކީ އެއްވެސް ދުވަސްވަރެއްގައި އޭނާކުރިކަމެއް ނޫނެވެ. 

ކޮންމެއަކަސް އެއްގޮތަކަށްވެސް އަޅުގަނޑާއިއެކު ރޭނުކުރާތާ 4 އަހަރުވުމުން ކެތްނުކުރެވިގެން ވަރިވާން ކޯޓަށް ހުށަހެޅުމުން ފރިމީހާ ބުނީ އަހަރެންދެކެ ވަރަށް ލޯބިވާ ކަމަށެވެ. ދުވަހަކުވެސް ވަރިކުރަން ބޭނުން ނޫންކަމަށެވެ. އޭނާދެއްކި ވާހަކަތަކަށްބަލައި ކައިވެނި ރޫޅާލައިވެސް ނުދިނެވެ. މެޖިސްޓްރޭޓް ބުނީ އެއްދާން ނުކުރާކަން ޝަރީޢަތަށް ސާބިތުކޮށްނުދެވޭކަމަށެވެ. އެކަން ސާބިތުކޮށްދޭން އަޅުގަނޑަށް ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތެވެ. ކުރެވެން އޮތް ހަމައެކަނި ކަމަކީ ހުވާކުރުމެވެ. ނަމަވެސް ހުވާލައެއް ނުދެއެވެ. 

އެކުގައި ރޭނުކުރާތާ 3 މަސްވުމަކީ ކައިވެނި ވަގުތުންވެސް ރޫޅައިލަދެވޭނެ ސަބަބެއް ކަމަށް ޤަވާއިދުގައި އޮތްނަމަވެސް އެކަން ސާބިތުކުރަން ހުވާލައިނުދީ ކުރެވޭނެ އިތުރު ކަމެއް އަޅުގަނޑުގެ ކޮށިވިސްނުމަކަށް ނާދެއެވެ. 

އަޅުގަނޑަކީވެސް މާތް ﷲ ވާގިފުޅާއިއެކު ޞިއްޙަތު ސަލާމަތުންހުރި އަންހެނަކީމެވެ. އެހެން އަންހެނުންވެސް ބޭނުންވާފަދައިން ހަށިގަނޑަށް ބޭނުންވާ ކަންތައްވެސް ހުރި އަންހެނަކީމެވެ. ނަމަވެސް މާތް ﷲ ހުއްދަކުރެއްވެވި ގޮތުގައި ނޫނީ އެއްވެސް ކަމެއް ކުރަން ބޭނުން ނުވާތީ އެންމެ ކުޑައިރުންސުރެ މިއަދާއިހަމައަށްވެސް މިހުރީ އެސާބިތުކަމުގައެވެ. 

އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަކޮޅު ހިއްޞާމިކުރީ ހަމައެންމެ ބޭނުމަކުއެވެ. އެއީ އަޅުގަނޑަށް ކުރަންމިޖެހުނު ހިތި ތަޖުރިބާ އެއްވެސް އުޚުތަކަށްކުރަން ނުޖެހުމެވެ. އެންމެ ބޮޑު ހިތްދަތިކަމެއް ލިބިގެންމިދިއައީ ފިރިމީހާ އެއްވެސް މިންވަރަކަށް އަޅުގަނޑާއި އަޅައިނުލުމުންވެސް އޭނާގެ ޢަމަލުތައް އިޞްލާޙްކޮށްފާނެކަމަށްބަލައި އެކަމުގެ އުންމީދުގައި 4 އަހަރު ހޭދަކުރުމުންނެވެ. 

އަޅުގަނޑުގެ އިލްތިމާސަކީ މިފަދަ ކަމެއް ފިރިމީހާގެ ކިބައިން ފެނިއްޖެނަމަ ޙައްޤުހޯދަން އަވަހަށް މަސައްކަތްފެށުމެވެ. ކޯޓަށްދިއުމެވެ. އަޅުގަނޑު ހުށަހެޅި މައްސަލައިގެ ޝަރީޢަތް ގެންދިއަ ގޮތުން ޤަބޫލުކުރެވެނީ ކޯޓަށް ހުށަހެޅިނަމަވެސް ކައިވެނި ރޫޅި އެހެން ފިރިއަކާއި ކައިވެނިކުރެވެން ކޯޓަށް މައްސަލަ ހުށަހަޅާ ދުވަހުން ފެށިގެން އަހަރެއްހައި ދުވަސް ނަގައިފާނެކަމަށެވެ. ކޮންމެއަކަސް އަޅުގަނޑަށް މިއަދު މިޙާލުމިޖެހުނީ މިކަންކަމަށް ކުރިން ވިސްނައިނުލެވުނީތީއެވެ!  

އަޅުގަޑަށް ކުރިމަތިވެފައިވާ ނިކަމެތިޙާލަތާއިމެދު ވިސްނައިލާ ކޮންމެފަހަރަކު ލޮލުން ކަރުނަ އޮހޮރެއެވެ! އަޅުގަނޑުގެ އުންމީދަކީވެސް ދުޢާއަކީވެސް އެކަރުނަތަކަކީ އަޅުގަނޑު ސުވަރުގެ ވައްދަވާނެ ސަބަބެއް ކަމުގައި ލައްވަވައި ދެއްވެވުމެވެ! އާމީން

 

- ޢަޒްމާ- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން