މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ހިނގާލުން މިއަދު ހަވީރު 4:15 ގައި ހުޅުމާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގައި ދިވެހި އަސްކަރިއްޔާއާއި ޤައުމީ ކެޑޭޓް ކޯގެ ޕެރޭޑުގެ ހަރަކާތްތައް ފެނިގެންދާނެއެވެ.
އިއްޔެ މާލޭގެ މައި މަގުތަކުގައި ސިފައިންގެ ހިނގާލުން ބޭއްވުމަށްފަހު، މިއަދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ކުރިމަތިންނެވެ. ޕެރޭޑުގެ މަގު ހަމަޖެހިފައިވާ ގޮތުން، ފުރަތަމަ ހުއްޓުން އޮންނާނީ އިރުމަތިން ހުޅުމާލޭ ސެންޓްރަލް ޕާކަށް ވަންނަ ހިސާބުގައެވެ.
އޭގެފަހުން ޕެރޭޑު ކުރިއަށްދާނީ ސިފްކޯ އަދި ޕޮލްކޯ ފްލެޓުތަކުގެ ހުޅަނގު ފަރާތަށެވެ. އެތަނުގައި ވެސް ޕެރޭޑު ވަގުތީގޮތުން މަޑުކުރުމަށްފަހު، މި އަހަރުގެ މިނިވަން ދުވަހުގެ ސިފައިންގެ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަލާސީނު ކޮށިންނެވެ.
މިނިވަން ދުވަހުގެ ހަރަކާތްތައް އިތުރަށް ކުލަގަދަކުރުމުގެ ގޮތުން، މިއަދުގެ އަސްކަރީ ޕެރޭޑަށްފަހު މިރޭ ޚާއްސަ ފުޅަނދުބުރެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ފުޅަނދުބުރުގައި ދައުލަތުގެ އެކި މުއައްސަސާތަކުން ތަފާތު ފުޅަނދުތައް ބައިވެރިވާނެ ކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއެވެ.