މިނިވަންކަން ދިފާޢުކުރުމަށްޓަކައި އެއްބައެއްގެ ގޮތުގައި ދެމިތިބުން މުހިންމު: ވަޒީރު އާދަމް ނަޞީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
މިނިވަންކަން ދިފާޢުކުރުމަށްޓަކައި އެއްބައެއްގެ ގޮތުގައި ދެމިތިބުން މުހިންމު: ވަޒީރު އާދަމް ނަޞީރު

މިނިވަންކަން ދިފާޢުކުރުމަށްޓަކައި އެއްބައެއްގެ ގޮތުގައި ދެމިތިބުން މުހިންމުކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ މިނިވަންކަމަކީ އެތައް ޤުރުބާނީއެއްވެ، ޕްލޭންތަކެއް ކުރެވި އެކަންކަން ތަންފީޒުކުރުމަށް ދުރު ރާސްތާއަށް ވިސްނައިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެން ހޯދޭ އެއްޗެއް ކަމަށެވެ. އަދި މި މަސައްކަތުގައި ބޭރު ޤައުމުތަކާއެކު ޚާރިޖީ ގުޅުން ވަރުގަދަކުރުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިނގިރޭސީންގެ ޙިމާޔަތުން ރާއްޖެއަށް މިނިވަންކަން ހޯއްދަވާދެއްވުމަށްޓަކައި އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާޞިރު މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށްޓަކައި އެއްބައެއްގެ ގޮތުގައި ދެމިތިބުމުގެ މުހިންމުކަން ވަޒީރު އާދަމް ނަޞީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ޤައުމުގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ޤާއިމުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

"ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ތަޤުރީރުގައިވެސް ރައީސް ވަނީ ދިވެހިންގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ޤައުމު އެއްބައިވަންތަވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައި. އެއަށްފަހު ދިވެހިންގެ އުފަލާއި ބާއްޖަވެރިކަމަށްޓަކައި ޢުމްރާނީ ތަރައްޤީ ގެންނަވާނެކަމަށް ވިދާޅުވި،" ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން