ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ 30 އެނދުގެ ޑަޔަލިސިސް ސެންޓަރު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ސެންޓަރު ހުޅުވައިދެއްވީ މިއަދު މެންދުރު ހުޅުމާލޭ އޮރެންޖް ހިޔާ ބިލްޑިންގގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް ޢަބްދުﷲ ނާޡިމް އިބްރާހީމްގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގެ ހިންގުން ޙަވާލުކޮށްފައިވާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޑަޔަލިސިސް ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަނުގައި ޤާއިމުކޮށްފައިވާ ވަސީލަތްތަކާއި ދެވޭ ޚިދުމަތްތައް ބައްލަވާލައްވާފައެވެ. މި ސެންޓަރުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ޑަޔަލިސިސްގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު މި ޚިދުމަތް ލިބިގެންދާނެއެވެ.
ހުޅުމާލޭގެ އާބާދީ އަހަރުން އަހަރަށް އިތުރުވަމުން ދިއުމާއެކު، ސިއްޙީ ޚިދުމަތްތައް ފުޅާކޮށް ރަނގަޅު ފެންވަރެއްގައި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. މި ގޮތުން ކުއްލި ޙާލަތްތަކުގައި އިމަރޖެންސީކޮށް ފަރުވާދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
މި ޑަޔަލިސިސް ސެންޓަރު ހުޅުވުމާއެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް މާލެއަށް ދަތުރުކުރުމުގެ ބުރަ ލުއިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ހުޅުމާލޭގެ ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.