ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި އެރުވި ތާރީޚީ ހަވާ، ގިނިސް ވޯލްޑް ރެކޯޑްސްގެ ފޮތުން ޖާގަ ހޯދައިފިއެވެ. މިއީ އެއްފަހަރާ އެންމެ ގިނަ ސަރަހައްދުގައި ސިންކްރޮނައިޒްޑް ހަވާ އެރުވުމުގެ ދުނިޔޭގެ ރެކޯޑެވެ.
ގިނިސް ވޯލްޑް ރެކޯޑްސްގެ އެޑްޖޫޑިކޭޓަރ އެމްބާލީ އިންކޯސީ ވަނީ މި ރެކޯޑްގެ ލިޔުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްދެއްވާފައެވެ. މި ލިޔުން ހަވާލުކޮށްދެއްވީ އައު ޓާމިނަލްގެ ފުރަތަމަ އެއަރލައިންއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއުޒިކާއެކު، އެއްފަހަރާ 19 ސަރަހައްދެއްގައި ހަވާ އަރުވާފައިވެއެވެ. މީގެ ތެރޭގައި ހުޅުލެ، މާލެ އަދި ހުޅުމާލޭގެ ސަރަހައްދުތައް ހިމެނެއެވެ.
ގިނިސް ވޯލްޑް ރެކޯޑްސްއިން މި ރެކޯޑް ހާސިލުކުރުމަށް އެންމެ މަދުވެގެން ކަނޑައަޅާފައިވަނީ 5 ތަނެއްގައި ސިންކްރޮނައިޒްޑް ހަވާ އެރުވުމެވެ. ނަމަވެސް އެމްއޭސީއެލްއިން ވަނީ 9 ތަނެއްގައި އެއްފަހަރާ ހަވާ އަރުވައި، މުޅިން އައު ޓައިޓަލްއެއް ހާސިލުކޮށްފައެވެ.
މި ތާރީޚީ ކާމިޔާބީއަކީ ދިވެހިރާއްޖޭގެ އެވިއޭޝަން ދާއިރާގެ ތަރައްޤީގެ މުހިންމު މަރުހަލާއެއްގައި ހާސިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.