ޢިބްރަތްތެރި ވާހަކަ: ފުރާނައަށް ނުރައްކާތެރިވި ވަޤުތު އަމިއްލަ ޢާއިލާގެ މީހުން އެހީތެރިނުވެ ފިލީމާ ދުރުކޮށްލާފައި ތިބި ޅިޔަންފަހަރިންގެ އެޙީތެރިކަން ލިބުނު ތަނަވސް މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ޢިބްރަތްތެރި ވާހަކަ: ފުރާނައަށް ނުރައްކާތެރިވި ވަޤުތު އަމިއްލަ ޢާއިލާގެ މީހުން އެހީތެރިނުވެ ފިލީމާ ދުރުކޮށްލާފައި ތިބި ޅިޔަންފަހަރިންގެ އެޙީތެރިކަން ލިބުނު ތަނަވސް މީހެއްގެ ވާހަކަ-

މީމުއަކީ ތަނަވަސް މީހެކެވެ. ދަރިއަކު ނުލިބެއެވެ. އެހެންވެ އެކަން ފޫބައްދަން ކޮންމެ ދުވަހަކު ޢާއިލާގެ މީހުން ގެނެސް އެމީހުނަށް އެހީތެރިވެދެއެވެ. އެމީހުންގެ ދަރިންނަށްވެސް އެހީތެރިވެއެވެ.  

ޢުމުރުން 60 ވަނަ އަހަރުގައި ބަލިޙާލެއްގަ ޖެހިގެން މީމު ހޮސްޕިޓަލަށް ގެންދެވުނެވެ. ޓެސްޓްތައް ހެދިއިރު އެއް ކިޑްނީ ވަނީ އެކުގައި ފޭލްވެފައެވެ. އަނެއް ކިޑްނީވެސް ވަނީ ފޭލްވާން ފަށައިފައެވެ. އެހެންކަމުން ވީހާއަވަހަކަށް ފޭލްވެފައިވާ ކިޑްނީ ބަދަލުކުރަން މަޖުބޫރު ކަމަށް ޑޮކްޓަރުން ބުންޏެވެ. 

ޢާއިލާގެ މީހުންގެ ގާތުގައި އެވާހަކަބުނުމުން ފަހަރަކު މީހަކު މީމަށް ޒިޔާރަތްކުރުން ހުއްޓާލަމުން ގޮސް 2 މީހަކު ފިޔަވައި އެންމެން ހުއްޓައިލީއެވެ. އެދެމީހުން ތިބީ ކިޑްނީ ހަދީޔާކުރަން ތައްޔާރަށެވެ. ނަމަވެސް ކިޑްނީ ދިމާނުވާތީ ހަދިޔާ ނުކުރެވުނީއެވެ.  

މީމު ވިސްނިއެވެ. މިހުރީވެސް ކަންކަން މެދުވެރިވާ ގޮތެވެ. މައްސަލައެއް ނެތެވެ. ކިޑްނީ ބަދަލުކުރެވުނަސް ނުކުރެވުނަސް މަރުވާނީ ޢުމުރުހަމަވީމައެވެ. އެކަމުގައި އެއްވެސް ޝައްކެއް ނެތެވެ. މިވިސްނުމާއިއެކު މީމު ހޮސްޕިޓަލުގައި އޮތީ ވަރަށް ހިތްހަމަޖެހިގެންނެވެ.  

2 ހަފްތާ ފާއިތުވިފަހުން ޑޮކްޓަރުން ބުނީ ދިމާވާ ކިޑްނީއެއް ލިބިއްޖެ ކަމަށާއި އަނެއް ދުވަހު އޮޕަރޭޝަންކުރާނެ ކަމަށެވެ. އެބުނިގޮތަށް އޮޕަޜޭޝަންކުރެވި ޝިފާލިބުނެވެ. ކިޑްނީ ހަދިޔާކުރި މީހާ އޮތީ ސިއްރެއްގެ ގޮތުގައެވެ.  

ޢާންމު ދިރިއުޅުމެއް އުޅެވިތަނާ މީމުގެ ނިޔާވެފައިވާ އަނބިމީހާގެ ކޮއްކޮއަކު އައިސް ބައްދަލުކުރިއެވެ. އަނބިމީހާ ދުނިޔޭގައި ހުރިއިރު މީމުއަކީ އަނބިމީހާގެ ޢާއިލާއަށްވެސް ހެޔޮމީހެކެވެ. ނިޔާވުމުން އެމީހުންނާއި ދުރުކުރުވީ މީމުގެ ޢާއިލާގެ މީހުންގެ ނުފޫޒުގައެވެ. މީމުގެ ތަނަވަސްކަމުގެ ދަހިވެތިކަމުގައެވެ.  

މީމު ފުރަތަމަވެސް ކިޔައިދިނީ އޭނާއަށް ކަންކަން މެދުވެރިވިގޮތެވެ. އަދި އަނބިމީހާގެ ޢާއިލާއާއި ދުރުވެވުނީތީ ހިތާމަކުރާކަމަށްވެސް ބުންޏެވެ. ޖަވާބުގައި އޭނާ ކިޔައިދިނެވެ. "ބޭބޭއެވެ! ތިއައީ ހަމައެކަނި ޅިޔަނެއް ނޫނެވެ. އަހުރެމެން އެންމެންނަށް އެހީތެރިވި ބައްޕައެއް ފަދަ ޅިޔަނެކެވެ. ބޭބެއަށް ބޭނުންވީ ލިބުން މަދު ކިޑްނީ އެކެވެ. އެހެންވެ ދައްތަގެ ޢާއިލާގެ އެންމެން ހޮސްޕިޓަލަށް ގޮސް ޗެކްކުރީއެވެ. ދިމާވީ ދޮންބޭބެގެ ކިޑްނީއެވެ. ވަޤުތުން ދޮންބޭބެގެ ކިޑްނީ ހަދިޔާކުރީއެވެ. ލިޔުންތައް މިހުރީއެވެ. މިވާހަކަ މިތިބީ ސިއްރުކޮށްގެންނެވެ. އެކަމަކު ބޭބެ ތިއަ ދެއްކިވާހަކައިން ބޭބެގެ އެކަނިވެރިކަން ބޭބެއަށް އިޙްޞާޞްކުރެވޭކަން އެނގުނީމާ ޙަޤީޤަތް މިކިޔައިދިނީ ބޭބެއަކީ ދުވަހަކުވެސް އެކަނިވެރިވާންޖެހޭނެ މީހަކު ނޫންކަން އަންގައިދޭށެވެ."  

ބުނާނެއެއްޗެއް ނުވިސްނިގެން މީމު އިރުކޮޅަކު އިނދެފައި ބުންޏެވެ. "ކުރިން އައިސްއުޅުނު ގޮތަށް މިގެއަށް އައިސްއުޅޭށެވެ. ދުވަހަކުވެސް ތިއަކުދިން ދެރަވާކަށް ނުޖެހޭނެއެވެ."  

މީމު ނިޔާވީ އެއިގެ 15 އަހަރުފަހުންނެވެ. ނިޔާވުމުން އެނގުނީ އޭނާގެ ހުރި ތަނަވަސްކަމުގެ ބޮޑުބައި ޅިޔަންފަހަރިންނަށް ހަދިޔާކޮށްފައިވާ ކަމެވެ. ނިޞްބަތުން މިންވަރެއް ކިޑްނީ ދިމާނުވެގެން ޢޭނާއަށް ކިޑްނީ ނުދެވުނު 2 އަޚުންނަށްވެސް ދީފައިވާ ކަމެވެ.  

މިޙާދިށާއިން އަޅުގަނޑު ފާހަގަކުރިކަމަކީ ޙާލެއްގައި ޖެހުމުން އެހީވަނީ ހަމައެކަނި ތިމާގެ އަމިއްލަ ޢާއިލާގެ މީހުން ނޫންކަމާއި ޅިޔަންފަހަރިންވެސް އެހީތެރިވާ ކަމެވެ. ވީމާ ބުނެލަން ބޭނުންވަނީ ޅިޔަން ފަހަރިންވެސް ބާކީކޮށްނުލާށެވެ!

 

- ޢަލީ ޒާހިރު / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން