ކިޑްނީ ފޭލްވާނީ ކުއްލިއަކަށް ނޫން! މިޢަލާމާތްތައް ފެންނަނަމަ ވަޤުތުން ސަމާލުކަން ދެއްވާ!

ކިޔުމަށް ހޭދަވާނީ 4މ 23ސ
ކިޑްނީ ފޭލްވާނީ ކުއްލިއަކަށް ނޫން! މިޢަލާމާތްތައް ފެންނަނަމަ ވަޤުތުން ސަމާލުކަން ދެއްވާ!

ޢަލީ އިޙްޞާން ފިރާޤް

 

ކިޑްނީ ބަލިޖެހޭ މީހުންގިނަވެ ފުރާނައަށް ނުރައްކާވަމުންދާ މީހުން ގިނަވަމުން އަންނާތީ މިގެނެސްދެނީ ކުރިއާލައި ބަލި ދެނެގަނެވޭނެ ގޮތްތަކާއި ސަމާލުކަންދޭންވީ ބައެއް ކަންކަމެވެ.  

"އަޅުގަނޑުގެ ކިޑްނީގައި އެއްވެސް މައްސަލައެއް ނެތް. އަޅުގަނޑަށް ކުޑަކަމުދެވެނީވެސް ހަމަ ރަނގަޅަށް. އެކަމުގައި އެއްވެސް މައްސަލައެއް ނެތް." 

ޑޭވިޑް ޖީ އޭނާގެ ޑޮކްޓަރު އާ ވާހަކަ ދައްކަމުން ކިޔައިދިނެވެ. ޑޭވިޑްގެ ޑޮކްޓަރު އޭނާގެ ގާތުގައި ހަކުރު ބައްޔަށް ރަނގަޅަށް ފަރުވާ ކުރުމަށާއި، ބަރުދަން ލުއިކުރުމަށް އިރްޝާދު ދެމުން ގެންދިޔައެވެ. އެހެނީ ކިޑްނީ ފެއިލްވުމުގެ އެންމެ އިސް އެއް ސަބަބަކީ ހަކުރު ބައްޔެވެ. 

ޑޮކްޓަރު ގެންދިޔައީ ބަރާބަރަށް ޑޭވިޑްގެ ގްލޯމެރައުލަރ ފިލްޓްރޭޝަން ރޭޓް (ޖީއެފްއާރު) ބަލަމުންނެވެ. އޭނާގެ ޖީއެފްއާރު ދިޔައީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ. ޑޮކްޓަރު ގެންދިޔައީ ޑޭވިޑްގެ ލޭގެ ޕްރެޝަރުވެސް ކެޗު ކުރަމުންނެވެ. އޭނާގެ ލޭގެ ޕްރެޝަރު ދިޔައީ މަތިވަމުންނެވެ. މިދެންނެވި ދެ އަލާމާތަކީވެސް ކިޑްނީ ބައްޔެއް ހުރިކަމުގެ އަލާމާތްތަކެވެ. 

ޑޭވިޑްގެ ޑޮކްޓަރު އޭނާއަށް ކިޔައިދިން ގޮތުގައި ކިޑްނީ ބަލި ޖެހޭތާ ކުރީކޮޅުގައި އެއްވެސް އަލާމާތެއް ނުފެންނާނެއެވެ. 

[ކިޑްނީ ބަލީގެ ކުރީކޮޅުގައި ކުޑަކަމުދާ ތަކެތި އުފެއްދުމުގެ ގާބިލުކަމަށް އެއްވެސް އަސަރެއް ނުކުރާނެ. ކިޑްނީ ބަލީގެ އަލާމާތްތައް ފެންނަން ފަށާނީ މީހާގެ ކިޑްނީއަށް ވަރަށް ބޮޑަށް ގެއްލުންވުމުން]  ޑޮކްޓަރު، ޑޭވިޑަށް އޮޅުން ފިލުވައިދިނުމުގެ ގޮތުން ބުންޏެވެ. 

[އެކަމަކު، އަޅުގަނޑަށް އެއްވެސް ތަދެއް އިހްސާސެއް ނުވޭ. ކަމެއް ގޯސްވާން އުޅޭކަމުގެ އެއްވެސް އިހްސާސެއް ވެސް ނުކުރެވޭ.] ޑޭވިޑު ބުންޏެވެ. 

[އެއީ އެހާ ފަސޭހައިން ދެނެގަނެވޭނެ އަލާމަތްތަކެއް ނޫން. ކޮންމެހެން ތަދު އިހްސާސްވުން އެއީ ލާޒިމުކަމެއް ނޫން. ތަދު އިހްސާސް ނުވެ ވެސް ކިޑްނީއަށް ގެއްލުން ލިބިގެން ހިނގައިދާނެ. ޓެސްޓުތައް ހަދައިގެން ނޫނީ ދެނެ ނުގަނެވޭނެ. ގިނަ ފަހަރު އެއްވެސް އަލާމަތެއް ނުފެންނާނެ.] ޑޮކްޓަރު ކިޔައިދިނެވެ. 

[ކިޑްނީ ބަޔެއް ޖެހޭނެ އުމުރަށްވުރެ އަޅުގަނޑު އަދި މާ ޒުވާން.] ޑޭވިޑް ބުންޏެވެ. 

[ކްރޮނިކް ކިޑްނީ ޑިޒީޒްއަކީ ވަކި އުމުރަކަށް ހާއްސަ ބައްޔެއް ނޫން. އުމުރުން ދުވަސްވީ މީހަކަށްވެސް ޖެހިދާނެ. ޒުވާން މީހަކަށްވެސް ޖެހިދާނެ.] ޑޮކްޓަރު އޮޅުން ފިލުވައިދިނެވެ. 

[އަޅުގަނޑު ހަކުރު ބަލި ހުންނަތާ މިހާރު ފަސް އަހަރުވެއްޖެ. އެ ހުރިހާ ދުވަހު ކިޑްނީ ބަލި ނުޖެހި ހުރެފަ ކީއްވެތޯ މިހާރު ޖެހެންވީ؟ އެ ހުރިހާ ދުވަހު ކިޑްނީ ހުރީ އެންމެ ރަނގަޅަށް.] ޑޭވިޑްގެ ހިތުގައި ސުވާލު އުފެދުނެވެ. 

[ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލް ނުކުރެވޭނަމަ އޭގެ ސަބަބުން ކިޑްނީ މަޑުމަޑުން ހަލާކުވަމުން ހިނގައިދާނެ. އެކަމަށް ދުވަސް ނަގާނެ. އެއީ ކުއްލިއަކަށް އެއްރެއިން ޖެހޭ ބައްޔެއް ނޫން.] 

ކިޑްނީ ބަލީގެ ކުރީކޮޅުގައި ހަށިގަނޑުގެ އެއްވެސް ކަމެއް ގޯސްވާކަން ނޭނގިދާނެއެވެ. ކަމެއް ގޯސްވިކަން އިހްސާސްވާނީ ކިޑްނީގެ ފަންގްޝަން ގެއްލުމުންނެވެ. އެކަންތައްވާނީ މަޑުމަޑުން މަރުހަލާތަކަކަށް ނުވަތަ ސްޓޭޖްތަކަކަށް ބެހިގެންނެވެ. ބަލި އަވަހަށް ދެނެގަނެވި ރަނގަޅު ފަރުވާއެއް ފެށިއްޖެނަމަ ކިޑްނީ ބަލި އިތުރަށް ގޯސްވުން ލަސްކުރެވޭނެއެވެ. ކްރޮނިކް ކިޑްނީ ޑިޒީޒްގެ 5 ސްޓޭޖު ހުރެއެވެ. 

ކިޑްނީގެ މައްސަލައެއް އުޅޭތޯ ބެލުމަށްޓަކައި ލެބޯޓްރީ ޓެސްޓުތަކެއް ހަދައެވެ. އެގޮތުން ލޭގައި  ކްރިއޭޓިނިން (creatinine) ހުރި މިންވަރު ބެލުމަށް ލޭގެ ޓެސްޓު ހަދައެވެ. މި ޓެސްޓުގެ ނަތީޖާ ބޭނުންކޮށްގެން ޖީއެފްއާރް (GFR) ނުވަތަ ގްލޯމެރައުލަރ ފިލްޓްރޭޝަން ރޭޓް  (glomerular filtration rate)ހޯދައެވެ. 

ކުޑަކަމުދާ ތަކެތީގެ ޓެސްޓު ހަދަނީ ކުޑަކަމުދާ ތަކެތީގެ ޒަރީއްއާއިން ޕްރޮޓީން ލީކުވާ މިންވަރު ބެލުމަށެވެ. މީގެ އިތުރުން އެކްސްރޭ، އަލްޓްރާސައުންޑް، ކިޑްނީ ބަޔޮޕްސީ ފަދަ ޓެސްޓުތައްވެސް ހަދައެވެ. 

ޑޭވިޑުގެ ޑޮކްޓަރު މިދެންނެވި ޓެސްޓުތަކުގެ ނަތީޖާ ބެލުމަށްފަހު ޚަބަރުދިނީ ޑޭވިޑަށް ކްރޮނިކް ކިޑްނީ ޑިޒީޒް ޖެހިފައިވާ ކަމަށެވެ. އޭރު އޭނާ ހުރީ ބަލީގެ ދެވަނަ ސްޓޭޖުގައެވެ. 

[އެންމެ ރަނގަޅު. އެހެންވެއްޖެއްޔާ އަޅުގަނޑަށް ބޭސް ސިޓީއެއް ލިޔެ ދެއްވަންވީ ނޫންތޯ؟] ޑޭވިޑް، ޑޮކްޓަރުގެ ގާތުގައި އެދުނެވެ. 

[ކްރޮނިކް ކިޑްނީ ޑިޒީޒްއަކީ އެއްކޮށް ރަނގަޅު ކުރެވޭނެ ބައްޔެއް ނޫން. ނަމަވެސް އެއީ ފަރުވާ ދެވިދާނެ ބައްޔެއް. އެއީ ދިގު މުއްދަތަކަށް ފަރުވާ ކުރަންޖެހޭ ބައްޔެއް. ހަކުރު ކޮންޓްރޯލްކޮށްގެންނާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލެއް ގެނެސްގެން ރަނގަޅު ބަދަލެއް އަތުވެދާނެ.] ޑޮކްޓަރު އޮޅުން ފިލުވައިދިނެވެ. 

ޑޮކްޓަރު ބަޔާންކުރެއްވި ގޮތުގައި ކިޑްނީ ބަލީގެ ފަރުވާ ބިނާވެފައިވަނީ އިތުރަށް ބަލި ގޯސްނުވެ ހިފެހެއްޓުމުގެ މައްޗަށެވެ. ކިޑްނީ ބަލީގެ ސަބަބުން ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތައް ކުޑަކުރެވޭތޯ މަސައްކަތް ކުރުމަށެވެ. ކުރީބައިގައި ބަލި ދެނެގަނެއްވިއްޖެނަމަ، ކުރީބައިގައި ފަރުވާ ކުރެވިދާނެއެވެ. 

ހަވާލާ  www.kidney.org

މިއަދު އޮންލައިން