ޤައުމީ އެއަރލައިންގެ ބޯޓުތަކުގެ ބޭރުގައި ތާނަ އަކުރުން ދިވެހިރާއްޖެ ޖަހަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ޤައުމީ އެއަރލައިންގެ ބޯޓުތަކުގެ ބޭރުގައި ތާނަ އަކުރުން ދިވެހިރާއްޖެ ޖަހަން ނިންމައިފި

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ މަތިންދާ ބޯޓުތަކުގެ ބޭރުގައި ތާނަ އަކުރުން "ދިވެހިރާއްޖެ" ޖަހަން ނިންމައި، އެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވިއަންގެ ލިވެރީއަށް ގެނެވުނު އައު ބަދަލާއެކު، ބޯޓުތަކުގެ ބޭރުގައި ޤައުމީ ދިދައާއެކު ތާނަ އަކުރުން "ދިވެހިރާއްޖެ" ލިޔެފައި ހުންނާނެއެވެ. މި ބަދަލު މިހާރު ވަނީ އެއަރލައިންގެ ވައިޑް ބޮޑީ މަތިންދާ ބޯޓަށް ގެނެސްފައެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުން ފުރަތަމަ ޚިދުމަތް ހޯދި ބޯޓެވެ.

މޯލްޑިވިއަންގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މިއީ ދިވެހި ބަހާއި ތަރިކައަށް އަދި ޤައުމީ ފަޚުރު ރަމްޒުކޮށްދޭ ބަދަލެކެވެ. އަދި މި ބަދަލު އެއަރލައިންގެ ހުރިހާ ބޯޓުތަކަކުން ވެސް ފެނިގެންދާނެއެވެ. މިއަހަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، މި ބަދަލުން ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލު އަދި އެއްބައިވަންތަކަން ރަމްޒުކޮށްދޭކަމަށް އެ ފަރާތުން ވިދާޅުވިއެވެ.

"ޤައުމީ އެއަރލައިންގެ ހައިސިއްޔަތުން 'ދިވެހިރާއްޖެ' މި ބަސް އުދުހުންތަކުގައި ބޭނުންކުރަން ލިބޭ ފުރުސަތަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް،" އައިލޭންޑް އޭވިއޭޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވިއެވެ. އަދި މިއަހަރަކީ ޤައުމީ އެއަރލައިނަށްވެސް މުހިންމު އަހަރެއްކަން ފާހަގަކުރައްވަމުން، މޯލްޑިވިއަންގެ ބޯޓުތައް އުދުހޭއިރު ދިވެހި ސަޤާފަތާއި އަމިއްލަވަންތަކަން ހިފެހެއްޓުމަށް ދޭ ސަމާލުކަން ފެނިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ލިވެރީއަށް ގެނައި މި ބަދަލު ދާދި އަވަހަށް އެއަރލައިންގެ ހުރިހާ ބޯޓުތަކަކުން ފެނިގެންދާނެ ކަމަށް ޤައުމީ އެއަރލައިނުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މިއަދު އޮންލައިން