މަޖިލިސްތަކުގެ ރައީސުންގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ސްވިޒަރލޭންޑަށް ފުރާވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
މަޖިލިސްތަކުގެ ރައީސުންގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ސްވިޒަރލޭންޑަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ، 6 ވަނަ މަޖިލިސް ސްޕީކަރުންގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މިއަދު ސްވިޒަރލޭންޑްގެ ޖެނީވާއަށް ވަނީ ފުރާވަޑައިގެންފައެވެ. މި މަހުގެ 29 ވަނަ ދުވަހުން 31 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ މި ކޮންފަރެންސަކީ އިންޓަރ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން އިންތިޒާމްކޮށްގެން ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

"ހަމަޖެހުމެއްނެތް ދުނިޔެއެއް: އެންމެންނަށް ސުލްޙައާއި، އިންސާފާއި އަދި ފާގަތިކަން ހޯދައިދިނުމަށް ޕާލިމެންޓްތަކުގެ އެއްބާރުލުމާއި ބައިނަލްއަޤްވާމީ އެއްބައިވަންތަކަން" މި ޝިޢާރުގެ ދަށުން ބޭއްވޭ މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ބައިނަލްއަޤްވާމީ ކަންކަމުގައި ދުނިޔޭގެ ވެރިކަން ހަރުދަނާކޮށް، ޑިމޮކްރަސީގެ ގޮތުން ހުރި ގެއްލުންތައް ފޫބެއްދުމަށް މަގުފަހިކުރުމެވެ.

ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވާ މި ކޮންފަރެންސްގައި މި އަހަރު މަޝްވަރާކުރެވޭނެ މުހިންމު ބައެއް ކަންތައްތަކުގެ ތެރޭގައި ޕާލިމެންޓްގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، ސުލްޙަ ޤާއިމުކުރުމަށް އީޖާދީ ގޮތްތައް ހޯދުން ހިމެނެއެވެ. މީގެއިތުރުން، 2030 ވަނަ އަހަރާ ހަމައަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމާއި، ޑިޖިޓަލް މުސްތަޤްބަލެއް އެކުލަވާލުމާއި، ނާޒުކު ޙާލަތުގައިވާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭ މަޝްވަރާތައްވެސް ކުރިއަށްދާނެއެވެ.

މި ކޮންފަރެންސަކީ ދުނިޔޭގެ ވެރިކަމުގެ ބަރުލަމާނީ ނިޒާމުތައް ބައްޓަންކޮށް ހަރުދަނާކުރުމަށާއި، ބައިނަލްއަޤްވާމީ ކަންކަމުގައި ޑިމޮކްރަސީގެ ފަރަގު ކުޑަކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ބައްދަލުވުމެއްކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން