"ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން" ގައި ރާއްޖެއިން ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
"ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން" ގައި ރާއްޖެއިން ބައިވެރިވެއްޖެ

ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި މި މަހުގެ 28 އިން 29 އަށް ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން" ގައި ދިވެހިރާއްޖެއިން ބައިވެރިވާއްޖެއެވެ.

މި މުހިންމު ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ވަފުދު އިސްކޮށް ތަމްސީލުކުރައްވާނީ އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު އެވެ. އަދި ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން އެ މަނިކުފާނު ވާހަކަފުޅު ދައްކަވާނެއެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ ބައިވެރިވުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ޞުލްޙައާއި ހަމަޖެހުމާއި އަދުލު އިންޞާފު ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ދެމުންދާ އެއްބާރުލުން ދައްކުވައިދޭ ކަމެކެވެ. ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުން އަންނަނީ އދ.ގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ޤުދުސް އަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމްކުރުމަށެވެ.

އދ.ގެ އާންމު މަޖިލީހުގެ ގަރާރު ނަންބަރު 79/81، "ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްޓައިން" ގެ ދަށުން ބޭއްވޭ މި ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓާނީ ފްރާންސް އަދި ސަޢޫދީ ޢަރަބިއްޔާއިންނެވެ. ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގެ ކުރިން މިނިސްޓީރިއަލް ހައިލެވެލް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ކޮންފަރެންސަށް އެކުލަވާލާފައިވާ ވޯކިން ގްރޫޕްތަކުގެ ނަތީޖާތައް ހުށަހަޅައި މަޝްވަރާކުރެވޭނެއެވެ.

މިއަދު އޮންލައިން