ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީންކުރުމަށް ލަންކާއާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީންކުރުމަށް ލަންކާއާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީން ފޯރުކޮށްދިނުމާ ގުޅޭ އެމްއޯޔޫއެއްގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި އެމްއޯޔޫގައި ސޮއިކުރެވުނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓްއާއި ސްރީލަންކާގެ ބަންޑާރަނަޔަކެ އިންޓަރނޭޝަނަލް ޑިޕްލޮމެޓިކް ޓްރޭނިން އިންސްޓިޓިއުޓް އާ ދެމެދު އެކުލަވާލެވުނު އެއްބަސްވުމެކެވެ. އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. އަދި ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރެވެ.

ޚާރިޖީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ޑިޕްލޮމެޓަށް އެހީތެރިވެދިނުމުގެ ގޮތުން ޚާރިޖީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ދުނިޔެ ޤަބޫލުކުރާ ފެންވަރުގެ ހުނަރުތަކެއް ލިބިފައިވާ ރަނގަޅު ޑިޕްލޮމެޓުންނަށް ވާންޖެހެއެވެ.

އެ ވުޒާރާއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޕްރޮފެޝަނަލް ސަރވިސްއެއް ކުރިއެރުވުމަށް މުވައްޒަފުންނަށް ބޭނުންވާ ޚާއްޞަ ތަމްރީނާއި ހުނަރާއި ތަޖުރިބާ، ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް މެދުވެރިކޮށް ފޯރުކޮށްދެމުން ގެންދެއެވެ. މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ޑިޕްލޮމެޓިކް ދާއިރާގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން