ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާގުޅޭ މުއާހަދާއެއްގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މިއަދު ސޮއިކޮށްފިއެވެ. މި މުއާހަދާގައި ސޮއިކުރެވުނީ ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި މުހިންމު މުއާހަދާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލެވެ. އަދި ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރެވެ.
ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މުއާހަދާގެ މަސައްކަތް ފެށިފައިވަނީ 2011 ވަނަ އަހަރުއެވެ. މި މުއާހަދާގެ މައިގަނޑު މަޤްޞަދަކީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްޤައުމުން އަނެއް ޤައުމަށް ފޯރުކޮށްދިނުމެވެ.
މުއާހަދާގެ ދަށުން، އެޤައުމެއްގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި މުއާހަދާގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެއެވެ. މީގެ ތެރޭގައި މައްސަލަ ތަޙުޤީޤުކުރުމާއި، ޝަރީޢަތް ހިންގުމާއި، މައްސަލަ ނިމުމުން ހިންގަންޖެހޭ އެންމެހައި ކަންތައްތައް ހިމެނެއެވެ.
މި މުއާހަދާގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ތަޙުޤީޤުކޮށް އަދި ކުރިއަށް ގެންދާނީ އެޤައުމެއްގައި ޤާއިމްކޮށްފައިވާ ސެންޓްރަލް އޮތޯރިޓީންނެވެ. ދިވެހިރާއްޖޭގައި މި މަސްއޫލިއްޔަތު އަދާކުރާނީ ޤާނޫނު ނަންބަރު 2/2015 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ.