ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔާކަ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެޤައުމުގައި އިންވެސްޓްކުރުމުގެ ފަހި ފުރުސަތުތައް ދިވެހި ވިޔަފާރިތަކަށް ހުޅުވާލައްވައިފިއެވެ. މިގޮތުން މަސްވެރިކަމާއި، ޢުމްރާނީ ތަރައްޤީއާއި އައިސީޓީގެ ދާއިރާ ފަދަ މުހިންމު ދާއިރާތަކުން އިންވެސްޓްކުރުމަށް ދިވެހި ވިޔަފާރިވެރިންނަށް ޚާއްސަ ދަޢުވަތެއް އަރުވާފައިވެއެވެ.
ރަސްމީ މަޝްވަރާތަކަށްފަހު ބޭއްވުނު ޖޮއިންޓް ޕްރެސްގައި ސިންހަޅަ ބަހުން ވާހަކަފުޅު ދައްކަވަމުން، ލަންކާގެ ރައީސް ވަނީ ރާއްޖެއިން ލިބުނު ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް އިޝާރާތްކުރައްވައި، ރާއްޖެއާއި ލަންކާއަކީ އަވަށްޓެރި ދެޤައުމަށްވުމުގެ އިތުރުން ސަޤާފީ ގޮތުން އެއްގޮތް ގިނަ ކަންކަން ހުރި ޤައުމުތަކެއްކަން ފާހަގަކުރެއްވިއެވެ.
ލަންކާގެ ރައީސް ވަނީ އެޤައުމުގައި ވިޔަފާރިއާއި އިންވެސްޓްމަންޓަށް ފަހި މާޙައުލެއް އޮތްކަން ފާހަގަކުރައްވައި، އިންވެސްޓަރުންނަށް އަބަދުވެސް މަރުޙަބާ ކިޔާނެކަން އަންގަވާފައެވެ. "ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ޤައުމެއް. އަޅުގަނޑުމެން ބޭނުންވަނީ މި ދާއިރާގައި ދިވެހިންގެ ތަޖުރިބާ ޙިއްސާކޮށް، ގުޅިގެން މަސައްކަތްކުރުމަށް" ލަންކާގެ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މިސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ކުރެވޭ މަސްވެރިކަން ހުއްޓުވުމަށް ކުރެވޭ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށާއި، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދެޤައުމުން ގުޅިގެން މަސައްކަތްކުރާނެކަން ލަންކާގެ ރައީސް ވަނީ އިޢުލާންކުރައްވާފައެވެ.
ދެޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުމަށް ބަލާއިރު، ސިންހަލަ ބަހާއި ދިވެހި ބަހުގެ އަސްލު ގުޅިފައިވާކަން ލަންކާގެ ރައީސް ވަނީ ޚާއްސަކޮށް ފާހަގަކުރައްވާފައެވެ. މިއީ ދެޤައުމުގެ ސަޤާފީ ގުޅުން ވަރުގަދަކަން ދައްކުވައިދޭ އެއް މިސާލެވެ.