ބޮލުގެ އިސްތަށިގަނޑު ރީވެފައި ކަޅުވެފައި ވަރުގަދަވާން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. ނަމަވެސް އެއީ ކޮންމެ މީހަކަށް އަބަދަށް ލިބޭ ނިޢުމަތެއް ނޫނެވެ. ތަފާތު ސަބަބުތައް މެދުވެރިވެ އިސްތަށިތައް ފައިބައިގެންދެއެވެ. އެޙާލަތުގައި ދެރަވެ ލަދުގަންނަ ބައަކުވެސް އުޅެއެވެ. އެހެންވެ މިގެނެސްދެނީ ގުޅުން ހުރި މުހިންމު މަޢުލޫމާތުކޮޅެކެވެ.
އެލޯޕޭސިއާ އެރިއާނާގެ ( އިސްތަށި ފޭބުން، ތުނިވުން، ތަލަވުން އާންމުކޮށް ބޮލުގައި ) ޝިކާރައަކަށް ވަރަށް ގިނަ މީހުން ވެފައިވެއެވެ. ސައިސްވެރިން ދެކިލައްވާގޮތގުގައި މި ބައްޔަކީ ޖެނިޓިކް އަކުން ކުރިމަތިކުރުވާ ކަމެކެވެ. އާއިލާގެ ފަރާތުން ވާރުތަކުރުން އެކަށީގެންވެއެވެ. ކޮންމެ އުމުރެއްގެ މީހަކަށްވެސް މިބަލި ޖެހިދާނެއެވެ.
މިބަލިޖެހެނީ ކީއްވެ؟
މީސީދާ ކިހިނެއް ޖެހޭ ބައްޔެއްކަމެއް އަދި ހޯދިފައިނުވާކަމަށް ބަލިތައް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެފައިވެއެވެ. މިބަލިން ބޮލުގެ އިސްތަށިގަނޑަށް އަސަރުކުރެއެވެ. އަދި ބައެއް ހާލަތްތަކުގައި ބުމައާއި އެސްފިޔައާއި މޫނާއި ހަށިގަނޑުގެ އެހެން ތަންތަނަށްވެސް އަސަރުކުރެއެވެ. ތިރީގައި އެވަނީ މިބަލި ޖެހުމަށް މަގުފަހިކުރުވާ ބައެއް ހާލަތްތައްކަމަށް ބައެއް ލިޔުންވުންތަކުގައި ދަންނަވާފައިވާ ކަންތައްތަކެވެ.
1. އާއިލާގައި މިބަލި ހުންނަ މީހެއް ހުރުން: އާއިލާގައި މިބަލި ހުންނަ މީހެއް ހުންނަނަމަ އާއިލާގެ އެހެން މެންބަރުންނަށް މިބަލި ޖެހުން އެކަށީގެންވެއެވެ. މައިންބަފައިންގެ ކިބައިން ވާރުތަވާ ބައެއް ޖީންތަކުގެ ސަބަބުން މިބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
2 އޮޓޮއިމިއުން ޑިސްއޯޑާސް ( ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިތަކާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ދުޅަހެޔޮ ސެލްތަކަށް އަނިޔާ ކުރެވުން) : މިހާލަތުގައި ހަށިގަނޑުގެ ދިފާއީ ނިޒާމަށް އޮޅިގެން ހެއަރ ފޯލިކަލްތަކަށް ( އިސްތަށިގަނޑުގެ ބުޑަށް) އަނިޔާކުރެވޭގޮތް ވެއެވެ. މީގެ ސަބަބުން ވަރަށް ގިނަ އިސްތަށި ފޭބުމަށް މަގުފަހިވެއެވެ.
3. ހޯމޯނަލް އިމްބެލެންސް: މާބަނޑު ދުވަސްވަރާއި. ހައިޟުގެ ދުވަސްވަރާއި، ހައިޟު ކެޑިގެން އެ އަންނަ ދުވަސްވަރާއި މިފަދަ އެހެނިހެން ދުވަސްތަކުގައި ހޯމޯން އަންނަ ބަދަލުތަކެއްގެ ސަބަބުން އިސްތަށި ފޭބުމަށް މަގުފަހިވެއެވެ.
4. ޞިއްހީ މައްސަލަތަކާއި ނެގޭ ފަރުވާތައް: ހަށިގަނޑަށް ކުރިމަތިވާ ޞިއްހީ މައްސަލަތަކެއްގެ ސަބަބުން އެލޯޕޭސިއާ ( އިސްތަށި ފޭބުން) ޖެހުމަށް މަގުފަހިވެއެވެ. އެގޮތުން ބޮލުގެ އިސްތަށިގަނޑު އިންފެކްޓުވުމާއި ފަންގަލް އިންފެކްޝަންތައް ހިމެނެއެވެ. ހަށިގަނޑުން ދަގަނޑުގެ ބައި ދަށް ވެގެން ނަގާ ބޭސް ބޭނުން ކުރުމުންނާއި ކީމޯތެރަޕީ އަދި ރޭޑިއޭޝަން ތެރެޕީ ނެގުމުގެ ސަބަބުން ވަގުތީ ނުވަތަ ދާއިމީކޮށް އިސްތަށި ފައިބައެވެ.
އެލޯޕޭސިއާއަށް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ބައެއް ކަހަލަ ފަރުވާއިން އިސްތަށިތައް އަލުން އަވަހަށް ފެޅުމަށް އެހީތެރިވެދޭކަމަށް ޑޮކްޓަރުން ލަފާދެއްވައެވެ. މި ބައްޔަށް ދެވޭ އެންމެ އާންމު ފަރުވާގެ ވައްތަރަކީ އޮޓޮއިމިއުން ޑިސްއޯޑާސްގެ( ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިތަކާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ދުޅަހެޔޮ ސެލްތަކަށް އަނިޔާ ކުރެވުން) ބާރު ކަނޑުވާލަދޭ ބާރުގަދަ ބޭހެކެވެ.
ބައެއް ކަހަލަ ގުދުރަތީ ފަރުވާވެސް އެލޯޕޭސިއާއަށް ކުރެއެވެ. މި ހުރިހާ ފަރުވާއަކީވެސް އެކްސްޕެރިމެންޓަލް އެއްޗެއްސެވެ. މިއީ ޞިއްހީ ގޮތުން ތަހުލީލުކޮށްފައިވާ ކަންތައްތަކެއް ނޫނެވެ. އެގޮތުން ބައެއް ކަހަލަ ވިޓަމިން ސަޕްލިމެންޓު ބޭނުންކުރުމާއި ކާށި ތެޔޮ އަދި ކާސްޓަރ އޮއިލްއިން ފަރުވާ ކުރެއެވެ. އެގުން މުހިއްމީ މިއިން އެއްވެސް ކަމަކަށް ހަރުދަނާ ޞިއްހީ ނުވަތަ ސައިންޓިފިކް ހެއްކެއް ނެތް ކަމެވެ.
ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުންދޭ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫނެވެ.
- އުންމު ނަވާރު
މަސްދަރު
Understanding alopecia: Signs, symptoms and causes. Available at: https://pharmeasy.in/blog/understanding-alopecia-signs-symptoms-and-causes/.
Alopecia areata: Causes, symptoms, and treatment (no date) Medical News Today. Available at: https://www.medicalnewstoday.com/articles/70956#home-remedies.
Cafasso, J. (2022) Everything you need to know about alopecia areata, Healthline. Available at: https://www.healthline.com/health/alopecia-areata#causes.