ޢިބްރަތްތެރި ވާހަކަ: ފައިސާއަށް އިންތިހާއަށް ބޭނުންވެގެންހުރެވެސް ދަރިއަކަށް ކުރަންޖެހުނު ޚަރަދުކުރަން އިސްކަންދިން މީހަކަށް ވަޤުތުން ދަތިކަން ފިލިގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ޢިބްރަތްތެރި ވާހަކަ: ފައިސާއަށް އިންތިހާއަށް ބޭނުންވެގެންހުރެވެސް ދަރިއަކަށް ކުރަންޖެހުނު ޚަރަދުކުރަން އިސްކަންދިން މީހަކަށް ވަޤުތުން ދަތިކަން ފިލިގޮތުގެ ވާހަކަ-

އަޅުގަނޑު ފުރަތަމަ ކައިވެނިކުރި އަނބިމިހާއަށް ލިބުނު ދަރިފުޅު ހުންނަނީ އޭނާގެ މަންމަގެ ގާތުގައެވެ. ޚަރަދުކުރަމެވެ. އަޅައިވެސްލަމެވެ. އެކުގައި ވަޤުތުވެސް ހޭދަކުރަމެވެ. 

އަޅުގަނޑަކީ ފިހާރައެއް ހިންގާ މީހެކެވެ. އޯޑަރުކޮށް ފައިސާ ދައްކާފައި ހުރި ގިނަ މުދައުތަކެއް ނުލިބި ލަސްވާތީ އަތްމަތި ވަރަށް ދަތިދުވަސްކޮޅެކެވެ. އުޅުނީ އެއިރު އައިސްފައި ހުރި ކޮންޓޭނަރު ނެރެން ދައްކަންޖެހޭ ފައިސާވެސް ހަމަނުކުރެވިގެންނެވެ. 

މެންދުރުވާން ގާތްވެފައި ހުއްޓައި ދަރިފުޅުގެ މަންމަ ފޮނުވި ލިޔުންތަކަކުން އެނގުނީ ދަރިފުޅުގެ ފަރުވާއަށް ބޭރަށް ގެންދަންޖެހިފައިވާ ކަމެވެ. އެނގުމާއިއެކު ހަމައެރޭ ފުރަން ތައްޔާރުވުމަށްބުނީމެވެ. ޓިކެޓްވެސް ނަގައިދިނީމެވެ. ހިތުގައި އޮތީ މުދައު ނެރުމަށްވުރެ މުހިންމީ ދަރިފުޅު ކަމެވެ. 

އަޅުގަނޑަކީ ދެން އިތުރު އެއްވެސް ގޮތެއް ނެތިގެން ނޫނީ އެކުވެރިންގެ ގާތުން ކަމަށް އެދޭ މީހެއް ނޫނެވެ. އެހެންވެ އެދުވަހުވެސް ނުބުނަމެވެ. މެންދުރުވުމުން ދިއައީ ނަމާދަށެވެ. ނަމާދުކޮށް ދުޢާކޮށްލުމަށްފަހު އައިސް ފިހާރައަށް ވަދެ އިށީންތަނުން ބޭންކުން ގުޅާފައި ކޮންޓޭނަރުގެ ޑޮކިޔުމަންޓަށް ފައިސާ ޖަމާނުކުރެވިގެން އުޅެނީ ކީއްވެގެންތޯ ސުވާލުކުރިއެވެ. ޖަވާބުގައި ދަރިފުޅަށް ދިމާވި ކަންތަކުގެ ވާހަކަބުނެފައި ކުއްލިއަކަށް 5000 ޑޮލަރު ނަގަންޖެހުނީކަމަށް ބުނީމެވެ. 

އެއިގެފަހުން 10 މިނިޓުވެސް ނުވާނެއެވެ. ބޭންކުން ގުޅާފައި ބުނީ ޖަމާ ނުކުރެވުނަސް ޑޮކިޔުމަންޓް ދޫކުރަން މެނޭޖަރު ބުނެފިކަމަށާއި ޑޮކިޔުމަންޓް ނަގަން ފޮނުވުމަށެވެ. 

މިވާހަކަ އަޅުގަނޑު މިކިޔައިދިނީ ކޮންމެހެން އަޅުގަނޑުގެ ރަނގަޅުވާހަކަ ދައްކާކަށް ނޫނެވެ. ދަރިންނަށް ކުރަންޖެހޭ ޚަރަދުކުރާނަމަ އެމީހަކަށް ރަނގަޅު ގޮތްތައް މެދުވެރިވާ ވާހަކަބުނެ ހިތްވަރުދޭށެވެ!

- މިއަދުނޫހުގެ ކިޔުންތެރިއެއް 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

މުދަލުގެ އަގުތައް އުފުލެނީއެވެ. ފައިސާގެ އަގު އަރަނީއެވެ. ޢާއިލާގެ ކަންކަމަށް ކުރަންޖެހޭ ޚަރަދު ބޮޑުތަނުން ބޮޑުވަނީއެވެ. އެކަމާއިހުރެ ކަންބޮޑުވާ މީހުން ގިނަވަނީއެވެ. އެހެންވެ ނަޞޭޙަތުގެ ގޮތުން ބަހެއް ބުނެލާނަމެވެ. 

އަތުގައި ފައިސާ ހުރިނަމަ ނުވަތަ ހުރިވަރަކުން ޢާއިލާގެ ބޭނުންތަކަށް ޚަރަދުކުރަން ފަސްނުޖެހޭށެވެ. އެއީ ގެއްލޭ އެއްޗެއް ނޫނެވެ. ސަބަބަކީ އެންމެ މަތިވެރި ޞަދަޤާތަކީ ޢާއިލާއަށް ކުރާ ޚަރަދުކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

މީގެ މާނައަކީ އިސްރާފް ޚަރަދުތައް ކުރުމެއް ނޫނެވެ. ނެތް ފެންވަރުން އެންމެ ބޮޑެތި ޚަރަދުތައް ކުރުމެއްވެސް ނޫނެވެ. ކުޅިވަރާއި މަޖަލަށް ޚަރަދުކުރުމެއްވެސް ނޫނެވެ. އަދި ގަންނަން ނުޖެހޭ ތަކެތި ގަތުމެއްވެސް ނޫނެވެ. ކުރިންވެސް މިބުނި ފަދައިން ޢާއިލާއަށް ކުރަންޖެހޭ ޚަރަދުތައް ކުރުމެވެ. 

އިޤްޠިޞޯދުކުރުމަށް ދީނުގައި ބާރުއަޅައެވެ. އެއިގެ މާނަވެސް އޮޅުވައިނުލާށެވެ. އިޤްޠިޞޯދުކުރުމަކީ ކުރަންނުޖެހޭ ޚަރަދުތައް ނުކުރުމާއި ކުރަންޖެހޭ ޚަރަދުތައް ކުރުމެވެ. ދިރިއުޅުމުގައި ކޮންމެހެން ފުއްދަން ޖެހޭ ބޭނުންތައް ފުއްދުމަކީ އިޤްޠިޞޯދު ނުކުރުމެއް ނޫނެވެ. 

ޢާއިލާއަށް ދީލަތިވާ މީހުންނަށް ﷲ ތަޢާލާ ދީލަތިވެވޮޑިގަންނަވާނެއެވެ. އިން ޝާ ﷲ. އެއީ ކީއްވެގެންހެއްޔެވެ؟ އެއީ ﷲ ތަޢާލާގެ މަގުގައި ކުރާ ކަމަކަށްވާތީއެވެ. ވީމާ ފަޤީރުވެދާނެކަމުގެ ބިރަށް ޢާއިލާއަށް ޚަރަދުނުކޮށް ނުތިބޭށެވެ!

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން