މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ހާމަކުރާ މަޢުލޫމާތުތަކުގެ ބޭނުން ނަހަމަގޮތުގައި ނުހިފުމަށް އެދިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ހާމަކުރާ މަޢުލޫމާތުތަކުގެ ބޭނުން ނަހަމަގޮތުގައި ނުހިފުމަށް އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ހާމަކުރާ މަޢުލޫމާތުތަކުގެ ބޭނުން ނަހަމަގޮތުގައި ނުހިފުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިލްތިމާސްކޮށްފިއެވެ. މިގޮތަށް އިލްތިމާސްކުރަން ޖެހުނީ ބައެއް ފަރާތްތަކުން މަޖިލީހުން އާންމުކުރާ މަޢުލޫމާތުތައް ނަހަމަގޮތުގައި ބޭނުންކޮށް، އާންމުންނަށް އޮޅޭގޮތަށް މަޢުލޫމާތު ފަތުރަމުން ގެންދާތީއެވެ.

މަޖިލީހުގެ އިދާރާއިން އާންމުކުރި ނޫސްބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރާއިރު ޒިންމާދާރުކަމާއެކު މަޢުލޫމާތު ހިއްސާކުރުމަށާއި، މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް އެދިފައިވެއެވެ.

މަޖިލީހުގެ އިދާރާއިން ފާހަގަކުރި ގޮތުގައި، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީގެ މަސައްކަތްތައް މަޖިލީހުގެ ވެބްސައިޓްގައި ޝާއިޢުކުރަމުން ގެންދަނީ މަޖިލީހުގެ މަސައްކަތްތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. މީގެ އިތުރުން، މެންބަރުން ހުށަހަޅުއްވާފައިވާ ބިލުތަކާއި ޤަރާރުތަކާއި މައްސަލަތަކާއި، ވަޒީރުންނާ ކުރައްވާފައިވާ ސުވާލުތަކާއި، ޝާމިލުވާ ކޮމިޓީތަކުގެ މަޢުލޫމާތު އަދި ތަފާސްހިސާބުތައްވެސް އާންމުކޮށް ފެންނަން ހުންނާނެކަމަށް މަޖިލީހުން ވަނީ ހާމަކޮށްފައެވެ.

އަދި މަޖިލީހުގެ އިދާރާއިން ވަނީ މެންބަރުންގެ މަސައްކަތްތައް ހަމައެކަނި ޖަލްސާތަކަށް ހަނިވެފައި ނުވާކަން ފާހަގަކޮށްފައެވެ. މިގޮތުން، މަޖިލީހުގެ މުހިންމު ގިނަ މަސައްކަތްތަކެއް ކުރިއަށްދަނީ ކޮމިޓީތަކުގައިކަން ފާހަގަކޮށްފައިވެއެވެ.

މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ ބައްދަލުވުންތައް ވަގުތުން ދުރަށް ދެއްކުމާއި ބްރޯޑްކާސްޓްކުރުމުގެ މައިގަނޑު މަޤްޞަދަކީ ހޭލުންތެރިކަން އިތުރުކުރުމާއި، މަޢުލޫމާތު މުއްސަނދިކުރުމާއި، ވަކި ފަރާތަކަށް ނުޖެހި ތެދު ޚަބަރު ފޯރުކޮށްދިނުންކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބަޔާންކޮށްފައެވެ.

މިއަދު އޮންލައިން