ހަލާލް ފަތުރުވެރިކަމަށް ހުޅުވާލި ރަށްތަކަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން: ވުޒާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ހަލާލް ފަތުރުވެރިކަމަށް ހުޅުވާލި ރަށްތަކަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން: ވުޒާރާ

ރާއްޖޭގައި ހަލާލް ފަތުރުވެރިކަން ތަޢާރަފްކުރުމަށް ސަރުކާރުން ހުޅުވާލި ރަށްތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ 5 ސަރަހައްދެއްގައި ހަލާލް ޓުއަރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅައި، ކޮންމެ ސަރަހައްދަކުން 1 ރަށް އިންވެސްޓްމަންޓަށް ހުޅުވާލާފައިވެއެވެ. މިގޮތުން ހުޅުވާލާފައިވާ ރަށްތަކުގެ ތެރޭގައި ހއ. ބީނާފުށި، ހއ. ކަނޑާލިފިނޮޅު، ހދ. މަކުނުދޫ ފަރު، ށ.ފުށިފަރު، ތ. މާގުޅި އަދި ލ.ފޮނަގާދޫ ހިމެނެއެވެ.

ވުޒާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ރަށްތަކަށް އިންވެސްޓްކުރާ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ދެއްވާފައިވެއެވެ. މީގެ ތެރޭގައި އިކުއިޒިޝަން ފީ އާއި ކޮސްޓް 5 ނުވަތަ 6 އަހަރަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވުމާއި، ޑިއުޓީ 20 ޕަސެންޓާ ހަމައަށް މަޢާފުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޖުލައި 15 އިން އޮގަސްޓް 4 ވަނަ ދުވަހުގެ ނިޔަލަށް ޝައުޤުވެރިކަން ފާޅުކުރެވޭނެ ކަމަށާއި، ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 1 ކަމުގައި ވުޒާރާއިން ފާހަގަކުރެއްވިއެވެ. އަދި މަޢުލޫމާތު ދިނުމުގެ ދެވަނަ ސެޝަން 3 އޮގަސްޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، ފުރަތަމަ ސެޝަންގައިވެސް ގިނަ ފަރާތްތަކަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވުޒާރާއިން ހާމަކުރެއްވިއެވެ.

ހަލާލް ފަތުރުވެރިކަމަކީ މުސްލިމުންނަށް ޚާއްޞަކޮށް، އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާނެހެން ފަތުރުވެރިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަމާޒުކޮށްފައިވާ ދާއިރާއެކެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވުޒާރާއިން އުންމީދުކުރައްވައެވެ.

މިއަދު އޮންލައިން