މިފެށޭ އޯގަސްޓްމަހުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލްގައި އައިނު ފިހާރައެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗްގައި އަލަށް ޤާއިމްކުރި އައިނު ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ވިދާޅުވީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މި ޚިދުމަތް ތަޢާރަފުކުރަން ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ 5 ރީޖަނަލް ހޮސްޕިޓަލެއްގައިވެސް އައިނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. މިކަމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި މި ޚިދުމަތް ލިބިގަތުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
"މިކަން ފޯރުކޮށްދިނުމުގައި ވަރަށް ގިނަ ބައެއްގެ އެހީއެއް ލިބުނު. ދުޢާއަކީ އަޅުގަނޑުމެން މި ފޯރުކޮށްދޭ ޚިދުމަތް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ގޮތް މަގުފަހިވެ މުޅި ރާއްޖޭގައި ސަރުކާރުގެ ފަރާތުން އާސަންދައިގެ ދަށުން އައިނު ހެއްދުމުގެ މަގު ފަހިވެ ވީހާވެސް އަވަހަކަށް އެކަން ވުން،" ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
އައިޖީއެމްއެޗްގައި ޤާއިމްކުރެވުނު އައިނު ފިހާރައިން ޚިދުމަތް ހޯދުމަށް މިހާރުވެސް ގިނަ އަދަދެއްގެ ރައްޔިތުން އެދެމުންދާކަން ފާހަގަކުރެވެއެވެ. މިކަމުން ދައްކުވައިދެނީ މި ޚިދުމަތަށް ރައްޔިތުންގެ މެދުގައި ހުރި ބޭނުންތެރިކަމާއި ޝައުޤުވެރިކަމެވެ.