މިއަހަރުގެ ތެރޭގައި ހުރިހާ ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާތީ، އެކަމުގެ މަޝްވަރާތައް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށްދާކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާސިހު ވިދާޅުވެއްޖެއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ "އަހަރު މެދު މުރާޖާ" ބައްދަލުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާސިހު ވިދާޅުވީ، މުވައްޒަފުންގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި އެކި ސެކްޝަންތަކުގެ ވެރިން މުވައްޒަފުންގެ މަސައްކަތް މުރާޖާކުރުން މުހިންމުކަމަށެވެ. އަދި މަސައްކަތުގެ ހައްޓަށް ލުއިވާނެ ގޮތަށް މަސައްކަތްތައް ވަކި ތާވަލަކަށް ބައްޓަންކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
މުސާރަ ބޮޑުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނާސިހު ވިދާޅުވީ، "ޕޭ ކޮމިޝަނާ ބައްދަލުކޮށް، އެ ކޮމިޝަނުން އެކިއެކި ވުޒާރާތަކާ މިހާރު ބައްދަލުކުރަމުންދާ" ކަމަށެވެ.
އަދި މުސާރަ ބޮޑުވަމުން އަންނައިރު މުވައްޒަފުންގެ މަސައްކަތުގެ އަޚްލާޤަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ނާސިހު ވިދާޅުވީ، "ޑިއުޓީ ގަޑީގައި މަސައްކަތްކުރުމަށް އިސްކަންދޭންޖެހޭ" ކަމަށެވެ. އަދި "ޑިއުޓީ ގަޑީގައި މަސައްކަތް ނުކޮށް، އޯވަރޓައިމް ހޯދުމަށް ގަޑީގެ ބޭރުން މަސައްކަތްކުރުމަކީ އެހައި ރަނގަޅުކަމެއް ނޫން" ކަމަށްވެސް ވިދާޅުވިއެވެ.
ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިކަމަށް ބޭނުންވާ މަޝްވަރާތައް މިހާރު ދަނީ ކަމާބެހޭ އެކި މުއައްސަސާތަކާއެކު ކުރިއަށެވެ.