ދިރާގު މޯލްޑިވްސް ރޯޑްރޭސް 2025 ގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއަހަރުގެ ރޭހުގައި މިދިޔަ އަހަރެކޭ އެއްގޮތަށް 4،000 ދުވުންތެރިންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގު ރޯޑްރޭހުގެ ރޭސް ޑައިރެކްޓަރ އަދި ދިރާގުގެ ބްރޭންޑް އެންޑް މާރކެޓިންގ ކޮމިއުނިކޭޝަންސް ޑައިރެކްޓަރ މިރްޝާން ހަސަން ވިދާޅުވި ގޮތުގައި ރޭހަށް ލިބޭ ތަރުހީބަށް ބަލައި ބައިވެރިންގެ އަދަދު އިތުރުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
މިއަހަރުގެ ދިރާގު ރޯޑްރޭސް އޮންނާނީ އޮކްޓޯބަރު 24 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ރޭހުގައި 5 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި ހާފް މެރެތަން ހިމެނޭއިރު، މިދިޔަ އަހަރު ތަޢާރަފުކުރި ކޯޕަރޭޓް ޓީމް އިވެންޓްވެސް މިއަހަރު ކުރިއަށްދާނެއެވެ. ރޭހުގެ ހާފް މެރެތަން ފެށޭނީ މެންދަމު 2:30 ގައި ކަމަށާއި، 10 ކިލޯމީޓަރު ރޭސް ފެށޭނީ ފަތިހު 5:30 ގައެވެ. އަދި އެންމެ ގިނަ ބައިވެރިން ވާދަކުރާ 5 ކިލޯމީޓަރުގެ ރޭސް އޮންނާނީ ހަވީރު 4:30 ގައެވެ.
2007 ވަނަ އަހަރު "ދިރާގު ބްރޯޑްބޭންޑް ރޭސް" ގެ ނަމުގައި ފެށުނު މި ރޭހަކީ މިހާރު ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ބޮޑު ރޭހެވެ. މިއީ "ދިރާގު މޯލްޑިވްސް ރޯޑްރޭސް" ގެ ނަމުގައި ބޭއްވޭ 16 ވަނަ ރޭހެވެ. މި ރޭހަކީ އެއިމްސް (އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރެތަންސް އެންޑް ޑިސްޓެންސް ރޭސެސް) ގައި ރަޖިސްޓަރީކޮށްފައިވާ ރޭހެކެވެ.
ރޭހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް 4،000 ބައިވެރިންގެ ލިމިޓް ހަމަވަންދެން ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެއެވެ.