ހަމަނުޖެހުންތަކުން ފެށިގެން މޫސުމަށް އަންނަ ބަދަލުތަކާއި އިތުރުވަމުން އަންނަ ނަހަމަކަމުގެ ސަބަބުން ގިނަ ފަހަރަށް އޭގެ އަސަރު އެންމެ ފުރަތަމަ ކުރަނީ ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސްވިޒަރލެންޑުގެ ޖެނީވާގައި ކުރިއަށްދާ 6 ވަނަ ވޯލްޑް ކޮންފަރެންސް އޮފް ސްޕީކަރސް އޮފް ޕާލިމަންޓުގައި "އަ ވޯލްޑް އިން ޓާމޮއިލް: ޕާލިމަންޓަރީ ކޯޕަރޭޝަން އެންޑް މަލްޓިލެޓަރަލިޒަމް ފޯރ ޕީސް، ޖަސްޓިސް އެންޑް ޕްރޮސްޕެރިޓީ ފޯ އޯލް" މި ޝިއާރުގެ ދަށުން ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް ވަނީ ބައިނަލްއަޤްވާމީ އެއްބާރުލުމާއި މަލްޓިލެޓަރަލިޒަމް އަދި ޕާލިމަންޓަރީ ޑިޕްލޮމެސީއަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ޣައްޒާއާއި ޔޫކްރެއިންގެ ހަމަނުޖެހުންތަކުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި އިތުރުވަމުން އަންނަ ނަހަމަކަމުގެ ސަބަބުން ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށް ކުރާ އަސަރު ފާހަގަކުރައްވައި، ސުލްހަވެރިކަމާއި ތަނަވަސްކަން ދެމެހެއްޓުމަށް ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަޤްވާމީ ނިޒާމެއްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
އަދި ދިވެހިރާއްޖޭގެ ކްލައިމެޓް އިމަރޖެންސީ ޤާނޫނާއި 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ އެމިޝަންސްގެ އަމާޒަށް ދިވެހިރާއްޖެ ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، ނާޒުކު ޤައުމުތަކަށް ބައިނަލްއަޤްވާމީ އެހީތެރިކަން އިތުރުކުރުމަށް އިލްތިމާސްކުރެއްވިއެވެ.
ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ލާއިންސާނީ އަނިޔާއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، މަޖިލީހުގެ ރައީސް ވަނީ ދުނިޔޭގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ އެއްބައިވަންތަކަން ދަމަހައްޓައި އަވަސް މަލްޓިލެޓަރަލް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. އަދި ވާހަކަފުޅު ނިންމަވާލެއްވީ ސުލްހައާއި އިންސާފު ކުރިއެރުވުމުގައި އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށާއި، ބައިނަލްއަޤްވާމީ ނިންމުންތަކުގައި ރައްޔިތުންގެ އަޑު ހިމެނުމަށް އ.ދ.އާ ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައެވެ.