މާލޭ އުތުރުފަރާތު ބަނދަރު ތަރުތީބުކޮށް، 99 އުޅަނދު އަޅާނެ ޖާގަ ހަދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
މާލޭ އުތުރުފަރާތު ބަނދަރު ތަރުތީބުކޮށް، 99 އުޅަނދު އަޅާނެ ޖާގަ ހަދައިފި

މާލޭ އުތުރުފަރާތު ބަނދަރުގެ މަސްމާރުކޭޓާއި ހަމައަށް އޮތް ސަރަހައްދު ތަރުތީބުކޮށް، އެ ސަރަޙައްދުގައި 99 އުޅަނދު އަޅާނެ ޖާގަ ހަދާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ހާމަކޮށްފިއެވެ.

އެމްޕީއެލްގެ ނޯތު ހާބަރު ހިންގުމާއި ހަވާލުވެ ހުންނެވި އެކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަހުމަދު ހަމްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި، މި އައު އިންތިޒާމުގެ ދަށުން މުދަލާއި ފަސިންޖަރުން އުފުލާ 54 އުޅަނދަށް ޖާގަ ދެވޭނެއެވެ. އަދި 25 އުޅަނދު ވެއިޓިންގ އޭރިއާގައި ބޭއްވޭނެ އިރު، މަސްވެރިކަން ކުރާ 20 އުޅަނދަށް ވަކިން ޖާގަ ކަނޑައެޅިފައިވެއެވެ.

"މުޅި ބަނދަރު ލިބުމާއެކު ޖުމްލަ ގާތްގަނޑަކަށް 99 އުޅަނދު ފަޅުތެރޭގައި ހަރަކާތްތެރިވެވޭ ގޮތަށް މިއޮތީ. މަސްބާނައިގެން އައިސް މަސް ބާލާފައި ނިކުމެވޭ ގޮތަށް ހުރަސް ތޮށި އޮންނާނީ ހުޅުވާލާފައި،" ހަމްދުﷲ ރަޝީދު ވިދާޅުވިއެވެ.

މި ސަރަހައްދު ހިންގައި ބެލެހެއްޓުމަށް އެމްޕީއެލާ ހަވާލުކޮށްފައިވަނީ ޖުލައި މަހުގެ ކުރީކޮޅުގައެވެ. މީގެ ކުރިން މި ސަރަހައްދު ބަލަހައްޓަމުން އައީ މާލެ ސިޓީ ކައުންސިލުންނެވެ. އެމްޕީއެލްއިން ފާހަގަކުރި ގޮތުގައި މި އައު އިންތިޒާމުގެ ސަބަބުން، ކުރިން ޖާގަ ހޯދުމަށް ނަގަމުން އައި 5 ދުވަހުގެ ބަދަލުގައި، މިހާރު 1-2 ދުވަހުގެ ތެރޭގައި ޖާގަ ލިބޭނެއެވެ.

އެމްޕީއެލްއިން ބުނި ގޮތުގައި މި ސަރަހައްދު ތަރައްޤީކޮށް، އައު އިންތިޒާމުތަކާއެކު ޚިދުމަތް ދޭން ފަށާނީ އަންނަ މަހުން ފެށިގެންނެވެ. މިހާރު ނޯތު ހާބަރުން މަހެއްގެ މައްޗަށް 130 އެއްހައި ބޯޓު ޚިދުމަތް ހޯދާއިރު، މި އައު އިންތިޒާމުތަކުގެ ސަބަބުން ބަނދަރުގެ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެމްޕީއެލްއިން އުންމީދުކުރެއެވެ.

މިއަދު އޮންލައިން