ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ހާމަކުރައްވައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރުއްވި ހުދު ސަމާލުގައި ވިދާޅުވެފައިވަނީ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދު ހެނދުނު 7:00 އިން 13:00އާ ހަމައަށް މޫސުން ގޯސްވެ، ވިއްސާރަވެ، ވައިގަދަވާނެ ކަމަށެވެ. އަދި މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ.
މޫސުމާބެހޭ އިދާރާއިން ދެއްވި މަޢުލޫމާތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ސ.ހިތަދޫއަށް ކަމަށާއި، އެގޮތުން ހިތަދޫއަށް 43.0 މިލިލީޓަރުގެ ވާރޭވެހިފައިވާކަމަށް ފާހަގަކުރައްވާފައިވެއެވެ.
އަދި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ، ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ. މިހެންވުމާއެކު، ކަނޑުދަތުރުކުރާ ފަރާތްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން އިލްތިމާސްކުރައްވާފައިވެއެވެ.
މޫސުމަށް އަންނަ މި ބަދަލާ ގުޅިގެން ރައްޔިތުން ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިރުޝާދު ދެއްވާފައެވެ.