ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި މޫދުވިނަ ދަނޑުތައް ރައްކާތެރި ކުރުމަށް ރާއްޖޭގެ 17 ރިސޯޓަކުން ވައުދުވެ އެމަގުން މަސައްކަތް ކުރުމަށް އިޤުރާރު ވެއްޖެއެވެ. މިއީ މޯލްޑިވްސް ރެސީލިއަންޓް ރީފްސް އާއި ބްލޫ މެރިން ފައުންޑޭޝަން ގުޅިގެން ހިންގާ " ސީގްރާސް އިންޑަސްޓްރީ ލީޑަރސް ސާރކަލް" ނަމުގައި ހިންގާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓު ފެށުމުގެ ގޮތުން ކ. ދިއްފުށީގައި ބޭއްވުނު ބައްދަލުވުމުގައި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ރާއްޖޭގެ ކަނޑުފަޅުގެ މާހައުލީ ނިޒާމުތައް ރައްކާތެރި ކުރުމުގައި، މި ޕްރޮޖެކްޓުގައި ބައިވެރިވާ ރިސޯޓުތަކުން އިސްވެ އަދާކުރަމުންދާ ދައުރު ފާހަގަ ކުރެވުނެވެ.
މޫދުވިނަ ދަނޑުތަކަކީ ރާއްޖެއަށް ވަރަށް މުހިންމު މާހައުލީ ނިޒާމުތަކެކެވެ. މޫދުވިނަ ދަނޑުތަކުގެ ސަބަބުން މަސްމަހާމެހި އާލާވެ، މަސްވެރިކަން ރަގަޅުވެއެވެ. ރަށުގެ އައްސޭރި ފަށަށް ލައްގާ ރާޅުގެ އަސަރު ކުޑަކޮށްދެއެވެ. އަދި ކާބަން ވަޅުލައި، އޮކްސިޖަން އުފައްދާ ދެއެވެ. މީގެ އިތުރުން މޫދުވިނަ ދަނޑުތަކަކީ ވެލާކަހަނބު ފަދަ ފަތުރުވެރިން ޝައުގުވެރިވާ ޖަނަވާރުތައް، އެ ތަންތަނުގައި ދިރިއުޅެ އާލާވާ ވެށިތަކެއް ކަމުން، މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ވަރަށް މުހިންމު ނިޒާމު ތަކެކެވެ.
ނަމަވެސް، މި މުހިންމު މާހައުލީ ނިޒާމުގެ އަގު ވަޒަން ނުކުރެވި، ބިންހިއްކުމާއި، ފަތުރުވެރިކަމުގެ ބޭނުމަށް އަދި މި ނޫންވެސް ތަރައްޤީގެ އެކި ބޭނުންތަކަށް ރާއްޖޭގައި މޫދުވިނަ ދަނޑުތައް ނައްތާލަމުން ގޮސްފައިވާތީ، މޫދުވިނަ ދަނޑުތައް ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. މޫދުވިނަ ކުރިން ތިޔާގިކޮށް ހެދެމުން އައި ގިނަ ހިސާބުތަކުގައި މޫދުވިނަ މަދުވެ، ނެތެމުން ދާކަން ވަނީ ފާހަގަ ކުރެވިފައެވެ.
ދިވެހިންނަށާއި، ޤުދުރަތީ މާހައުލުތަކަށް އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މޫދުވިނަ ދަނޑުތަކުން ފޯރުކޮށްދޭ ފައިދާތައް ނުހަނު ގިނަކަމުގައި ވަތީ، މިހާރު މި ފެށުނު ޕްރޮޖެކްޓުގައި ބައިވެރިވާ ރިސޯޓުތަކުން އެ ރިސޯޓުތަކުގެ އިމުގައި ހިމެނޭ މޫދުވިނައިގެ 80 އިން ސައްތަ ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް އެއްބަސް ވިއެވެ. މި ޕްރޮޖެކްޓުގައި ފުރަތަމަ ބައިވެރިވި 17 ރިސޯޓުން، ކަނޑުފަޅުތަކުގެ ހަޔަވީ ސިންދަފާތު (ބަޔޯޑައިވާސިޓީ) ދެމެހެއްޓުމުގައި މޫދުވިނަ ދަނޑުތައް އަދާކުރާ މުހިންމު ދައުރު ބަލައިގަނެ މި މާހައުލަށް ގެއްލުން ލިބޭ ހަރަކާތްތައް ހުއްޓާލުމަށް އެއްބަސްވިއެވެ. މި 17 ރިސޯޓުތަކަކީ ރާޢްޖޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އެންމެ ކުރީ ސަފުގައި މިހާރު ތިބި ރިސޯޓުތަކެވެ. މިއީ ރާއްޖޭގެ ކަނޑުފަޅުތައް ހިމާޔަތްކޮށް ހެޔޮބަދަލު ގެނައުމުގައި އެހެން ރިސޯޓުތަކުން ބައިވެރިވުމަށް ލިބޭ ފުރުސަތެއް ވެސް މެއެވެ.
ދިވެހިރާއްޖޭގެ މޫދުވިނަ ދަނޑުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގައި މޯލްޑިވްސް ރެސީލިއަންޓް ރީފްސް އަދި ބްލޫ މެރިން ފައުންޑޭޝަނުން 2019 އިން ފެށިގެން މަސައްކަތް ކުރަމުން އައިސްފައި ވެއެވެ. ރިސޯޓުތަކާއި ގުޅިގެން، މިއަދު އެޅުނު ފިޔަވަޅަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް މޫދުވިނައަކީ އަގުހުރި ރައުސްމާލެއްކަން ޤަބޫލުކުރެވި، ކަނޑުފަޅުތައް ހިމާޔަތް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
"ސީ ގްރާސް އިންޑަސްޓްރީ ލީޑަރސް ސާރކަލް" ގައި ފުރަތަމަ ބައިވެރިވެފައިވާ ރިސޯޓު ތަކަކީ:
- އަނަންތާރާ ދިގު މޯލްޑިވްސް
- އަނަންތާރާ ވެލި މޯލްޑިވްސް
- ނަލަދޫ ޕްރައިވެޓް އައިލަންޑް މޯލްޑިވްސް
- ބަންޔަން ޓްރީ ވައްބިންފަރު
- ދަވާ އިހުރު
- އަންގސަނަ ވެލަވަރު
- ކޮކޯ ޕާމް ދުނިކޮޅު
- ކޮކޯ ބޮޑުހިތި
- ގިލި ލަންކަންފުށި މޯލްޑިވްސް
- ކުރުނބާ މޯލްޑިވްސް
- ލަކްސް ސައުތު އަރި އެޓޮލް
- ނިޔާމަ ޕްރައިވެޓް އައިލަންޑް މޯލްޑިވްސް
- ސިޔާމް ވޯލްޑް މޯލްޑިވްސް
- ސިކްސް ސެންސަސް ލާމު
- ސިކްސް ސެންސަސް ކަނުހުރާ
- ތާޖް އެކްޒޯޓިކާ ރިސޯޓް އެންޑް ސްޕާ
- ތާޖް ކޮރަލް ރީފް ރިސޯޓް އެންޑް ސްޕާ
މީހުން ދެއްކި ވާހަކަ:
" މޫދުވިނަ ދަނޑުތައް އަހަރުމެން ރައްކާތެރިކުރަން ފެށިފަހުން، ވެލާކަހަނބު އަދި މިޔަރު ފެނުން ދެ ގުނައަށް އިތުރުވި. މިއީ ރިސޯޓަށް އަންނަ ފަތުރުވެރިންނަށް އައު ތަޖްރިބާއެއް. ސިކްސް ސެންސަސް ލާމަށް މި ޖަނަވާރުތައް ބަލައިލުމަށް ހާއްސަކޮށް މިހާރު ފަތުރުވެރިން އާދޭ. ވީމާ މޫދުވިނަ ހިމާޔަތްކުރުމުގެ ސަބަބުން ތިމާވެއްޓަށް އެދެވޭ ބަދަލެއް ގެނައުމުގެ އިތުރުން، ރިސޯޓަށް ލިބޭ މާލީ ފައިދާ ވެސް އިތުރު ވެއްޖެ." (ލޯރެންސް މެންޒް، ޑައިރެކްޓރ އޮފް ސަސްޓޭނަބިލިޓީ، ސިކްސް ސެންސަސް ލާމު، 2019 އިން ފެށިގެން މޫދުވިނައިގެ ދަނޑުތަށް ހިމާޔަތް ކުރުމުގެ މަސައްކަތް މި ރިސޯޓުން ކުރިއަށް ގެންގޮސްފައިވޭ)
"މި ޕްރޮޖެކްޓުގެ ތެރެއިން މިކަމުގައި ބައިވެރިވާ ރިސޯޓުތަކުގެ މޫދުވިނަ ދަނޑުތަށް މެޕްކުރުމަށް ފުރުސަތު ލިބޭނެ. މީގެ އިތުރުން ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ރިސޯޓުގެ މުވައްޒަފުން މެދުގައި މޫދުވިނަ އާއި މެދު ހޭލުންތެރިކަން އިތުރު ކުރުމަށް އެހީތެރިވެދެވޭނެ. މި ކަމުގައި ބައިވެރިވި ރިސޯޓުތަކުން އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރޭތޯ އަހަރަކު އެއް ފަހަރު އަހުރުމެން ބަލާނަން. އަދި އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާ ފަރާތްތަކުގެ ލޯގޯ އަހަރުމެންގެ ވެބްސައިޓުން ނަގާނަން. މޫދު ވިނައަކީ ފަތުރުވެރިކަމަށް އަގުހުރި ރައުސުމާލެއް ކަން ޤަބޫލުކޮށް، ރާއްޖޭގެ ކަނޑުފަޅުތަކުގެ ހިމާޔަތުގައި މަސައްކަތް ކޮށް މިޕްރޮޖެކްޓުގައި އެހެން ރިސޯޓުތަކުން ބައިވެރިވުމަށްވެސް މި ފުރުސަތުގައި ގޮވާލަން." (ޝާހާ ހާޝިމް، އެގްޒެކެޓިވް ޑިރެކްޓަރ، މޯލްޑިވްސް ރެސީލިއަންޓް ރީފްސް)
" މޫދިވިނައަކީ އަދި މިހާތަނަށް މާހައުލީ ނިޒާމުތަށް ހިމާޔަތް ކުރުމުގައި އެހާ ބޮޑަށް އަހައްމިޔަތުކަން ދެވިފައި ނުވާ މާހައުލީ ނިޒާމެއް. އެހެން ނަމަވެސް، އެއީ ދިވެހިރާއްޖެ ބައިވެރިވާ ހައި އެމްބިޝަން ކޯއެލިޝަންގެ 30×30 ކަނޑުފަޅުތައް ހިމާޔަތްކުރުމުގެ އަމާޒަށް ވާސިލު ވުމަށް މުހިންމު ކަމެއް. އަހަރުމެންނަށް ގިނަ ފަހަރު މިވާހަކަތައް ދެކެވެނީ ޖާގައިގެ ނޫނީ ވަކި ސަރަހައްދެއްގެ މޭރުމުން. އެހެންނަމަވެސް އޭގެ ތަފްސީލަށް ބަލާނަމަ، ވަރަށް ގިނަ އިތުރު އެހެން ކަންކަން ހިމާޔަތް ކުރުމުގެ މާނައިގައި ހިމެނޭ. މީގެ ތެރޭގައި ރާއްޖޭގައިވާ ހުރިހާ މާހައުލީ މިޒާމުތަކެއް ހިމާޔަތްކުރެވޭ ސަރަހައްދުތަކުގައި އެކަށޭނެ މިންވަރަކަށް ހިމެނުން (އިކޮލޮގިކަލް ރެޕްރެސެންޓޭޓިވްނެސް) އަދި ދިރޭތަކެތި، ޙާއްސަކޮށް ނެތިދިޔުމުގެ ބިރު ހީވެފައިވާ ޖަނަވާރުތައް، އެތަކެތީގެ ހަޔާތުގެ އެކި މަރުހަލާތަކުގައި، މި މާހައުލީ ނިޒާމުތައް ބޭނުން ކުރާ ގޮތާއި މެދު (ކަނެކްޓިވިޓީ) އަހަރުމެން ވިސްނަންޖެހޭ. މިސާލަކަށް ވެލާ އަރާ ސަރަހައްދެއް ހިމާޔަތް ކުރަން އަހަރުމެން ވިސްނާނަމަ، އެ ވެލާ ކާނާއަށް ބޭނުން ކުރާ މޫދުވިނަ ވެސް އަހަރުމެން ހިމާޔަތް ކުރަން ޖެހޭނެ." (މުހުސިނާ އަބްދުއްރަހްމާނު، ޑައިރެކްޓަރ އޮފް ޕްރޮޓެކްޓަޑް އޭރިއާސް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވައިރަމަންޓް)