ދެއްވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް 630 ދުވަހުން ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދެއްވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް 630 ދުވަހުން ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

އަރިއަތޮޅު ދެކުނުބުރީ ދެއްވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. 103 މިލިއަން ރުފިޔާގެ މި މަޝްރޫޢު 630 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާކުރުމާބެހޭ ވުޒާރާގެ ފަރާތުން މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފް އަބްދުއްރަޙްމާން ޔޫސުފެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 60,672 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 29 މީޓަރުގެ ބޭރު ތޮށި އެޅުމާއި، 407 މީޓަރުގެ އެއްގަމު ތޮށި ލުން ހިމެނެއެވެ. މީގެ އިތުރުން 1,256 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އަދި މި މަޝްރޫޢުގެ ދަށުން 20 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ބްރިޖެއް ހެދުމުގެ މަސައްކަތާއި ޕޭވްމަންޓްގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ނިމުމުން ދެއްވަދޫގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ބަނދަރެއްގެ ޚިދުމަތް ލިބިގެންދާނެއެވެ.

ދެއްވަދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ސަރުކާރުން ރާއްޖޭގެ ރަށްރަށުގެ ބަނދަރުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.

މިއަދު އޮންލައިން