ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައިވާ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި މި ދަތުރުފުޅުގެ ސަބަބުން އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިވުމާއި ގުޅިގެން މަސައްކަތްކުރުމުގައި އައު ހަރުފަތަކަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމުގެ ޔަޤީންކަން އެބައޮތެވެ.
އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ވެސް ގިނަ ފައިދާތަކެއް ވާނެކަމާމެދު ޝައްކެއް ނުކުރައްވާ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތައް ތަންފީޛުކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ވެސް ރައީސް ޑރ. މުޢިއްޒު ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއަކީ އެތައް އަހަރެއްގެ ގާތް ގުޅުމެއް އޮންނަ ދެ އަވައްޓެރި ޤައުމެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ، އިޖްތިމާޢީ އަދި ސަޤާފީ ގުޅުންތައް ވަރަށް ބަދަހިކޮށް ޤާއިމުވެފައިވެއެވެ.