މިއަހަރުގެ ދެވަނަ ކުއާޓާގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ފައިދާގެ ގޮތުގައި 574 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނިން އާންމުކުރި ހިސާބުތަކުން ދައްކައިފިއެވެ. މިއީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 2 އިންސައްތައިގެ ދަށްވުމެކެވެ.
އެސްޓީއޯގެ 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ މާލީ ހިސާބުތަކުން ދައްކާގޮތުން، މި ކުއާޓަރގައި ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 12 އިންސައްތައިގެ ދަށްވުމެކެވެ.
އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބުގެ ގޮތުގައި އެސްޓީއޯއިން ފާހަގަކޮށްފައިވަނީ ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއި، މި ކުއާޓަރގައި ތެލުގެ ޑިމާންޑް ދަށްވެފައިވުމެވެ. އެހެންނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު ޖުމްލަ އާމްދަނީ ވަނީ އިތުރުވެފައެވެ.
ކުންފުނީގެ ހިންގުމުގެ ޚަރަދުތައް އިތުރުވެފައިވުމާއެކު، ހިންގުމުގެ ފައިދާގެ ގޮތުގައި މި ކުއާޓަރގައި ލިބިފައިވަނީ 236 މިލިއަން ރުފިޔާއެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 11 އިންސައްތައިގެ ދަށްވުމެކެވެ.
އެސްޓީއޯގެ މާލީ ހިސާބުތަކުން ދައްކާގޮތުން، ކުންފުނީގެ މައިގަނޑު ވިޔަފާރިއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލައި، އެހެނިހެން ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.