މަސްތުވާތަކެތި އެތެރެކުރާ މީހުންނަށާއި ވިއްކާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމާ ބެހޭ އިސްލާހުތައް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލު އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ބަންޑާރަނައިބު އިތުރަށް ވިދާޅުވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތާއެކު މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރާއިރު، މިކަން އެހެން ޤައުމުތަކުގައި ކުރާ ގޮތްވެސް ދިރާސާކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބަންޑާރަނައިބު އަޙްމަދު އުޝާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަރުގެ އަދަބު ކަނޑައެޅުމަށް ހުށަހަޅާ އިސްލާހުތައް ހުށަހަޅާނީ މިހާރު ކޮމިޓީ މަރުޙަލާގައި އޮތް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށެވެ. މި އިސްލާހުތައް ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ހުށަހެޅޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައިވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލު އިތުރަށް ދިރާސާކުރަންޖެހޭކަމަށް ފާހަގަކުރައްވާފައެވެ.