ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް މިއަދު ހުޅުވައިފިއެވެ.
މަރުޙޫމް ޙަސަން ޞާބިރު އަވަހާރަވެވަޑައިގެންނެވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިހާލުގައި އުޅުއްވުމަށްފަހު، މިދިޔަ ހޯމަ ދުވަހު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެމަނިކުފާނަކީ ދިވެހި ދައުލަތަށް ވަފާތެރިކަމާއެކު ޚިދުމަތް ކުރެއްވި އިސް ބޭފުޅެކެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ އޮފީހުގައި ހުޅުވުނު މި ދަފްތަރުގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް އާއި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. މި ދަފްތަރުގައި ޢާންމު ރައްޔިތުންނަށްވެސް ސޮއިކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ތަޢުޒިޔާގެ ދަފްތަރު އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ހުޅުވިފައި ހުންނާނެއެވެ. ދަފްތަރުގައި ސޮއިކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 1:00 އާ ހަމައަށް ވަޑައިގެންނެވޭނެއެވެ.