ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތުގެ ދަށުން، 6 ރަށެއްގެ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ހއ. ވަށަފަރު، ތުރާކުނު، ށ. ޅައިމަގު، ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ދަރަނބޫދޫ ސިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުމަށެވެ.
ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ހއ. ވަށަފަރު އަދި ތުރާކުނު ސިއްޙީ މަރުކަޒުގެ މަސައްކަތެވެ. ވަށަފަރު ސިއްޙީ މަރުކަޒުގެ 4.8 މިލިއަން ރުފިޔާގެ މަޝްރޫޢު 210 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާއިރު، ތުރާކުނު ސިއްޙީ މަރުކަޒުގެ 3.4 މިލިއަން ރުފިޔާގެ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ.
ށ. ޅައިމަގު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. 4.8 މިލިއަން ރުފިޔާގެ މި މަޝްރޫޢު 180 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ދަރަނބޫދޫ ސިއްޙީ މަރުކަޒުތަކުގެ މަސައްކަތެވެ. މަގޫދޫ ސިއްޙީ މަރުކަޒުގެ 4.8 މިލިއަން ރުފިޔާގެ މަޝްރޫޢާއި، ބިލެއްދޫ ސިއްޙީ މަރުކަޒުގެ 4.3 މިލިއަން ރުފިޔާގެ މަޝްރޫޢު 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާއިރު، ދަރަނބޫދޫ ސިއްޙީ މަރުކަޒުގެ 4.8 މިލިއަން ރުފިޔާގެ މަޝްރޫޢު 210 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ.
މި މަޝްރޫޢުތަކުގެ ދަށުން ހުރިހާ ސިއްޙީ މަރުކަޒުތަކެއްގައިވެސް ވޯޑު، ލެބޯޓްރީ، ނަރުހުންގެ ސްޓޭޝަން އަދި ސްޓޯރ ރޫމްގެ އިތުރުން އެހެނިހެން ޚިދުމަތްތައް ޤާއިމްކުރެވޭނެއެވެ. މި އެއްބަސްވުންތަކުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރުގެ ނައިބު އަލްއުސްތާޛް އިސްމާޢީލް ޒާހިރު ކަމަށްވާއިރު، ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.