"ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް" މިއަދު ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
"ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް" މިއަދު ފަށައިފި

ރާއްޖޭގައި އީސްޕޯޓްސްއަށް ޚާއްސަކޮށްގެން މިހާތަނަށް ބޭއްވޭ އެންމެ ބޮޑު މުބާރާތް ކަމަށްވާ "ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް" މިއަދު ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ފަށައިފިއެވެ.

މިއަދުން ފެށިގެން އޮގަސްޓު 2 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި މުބާރާތަކީ ގޭމިންގގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް އެއްތަނަކުން ވާދަކުރުމުގެ ފުރުސަތު ހޯދައިދޭ މުބާރާތެކެވެ. ދިރާގު ގޭމާސް ގިލްޑުގެ ގޭމިންގ އީކޯސިސްޓަމްގެ ގްރޯތު މެނޭޖަރ އިސްމާއިލް އީނާއު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އީސްޕޯޓްސް މުބާރާތެވެ.

"މިއީ ދިވެހިރާއްޖޭގައި މި ސްކޭލްގައި ބޭއްވޭ އެންމެ ބޮޑު އެއް އީސްޕޯޓްސް ޓޯނަމެންޓް. އެކި ކަންކޮޅުތަކުން އޮންލައިންކޮށް މުބާރާތްތައް ކުޅެލައިގެން ގްރޭންޑް ފައިނަލްސް މިބާއްވަނީ ފިޒިކަލްކޮށް. މިއީ އަހަރެއްގެ ތަމްރީނާއި މުބާރާތްތަކުގެ ސީދާ ނަތީޖާ," އީނާއު ވިދާޅުވިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާނެއެވެ. މުބާރާތް ބަހާލެވިފައިވަނީ ދެ ސަރަހައްދަކަށެވެ. ސްކޫލުގެ ހޯލުގައި 18 އަހަރުން މަތީގެ ފަރާތްތަކަށް ޕަބްޖީ، މޯބައިލް ލެޖެންޑްސް، ރޮކެޓް ލީގު އަދި އީއޭއެފްސީ މުބާރާތްތައް ކުރިއަށްދާއިރު، ކެފެޓީރިއާ ސަރަހައްދުގައި ކުޑަކުދިންނަށް ޚާއްސަ ގަން ރޭންޖެއް ޤާއިމުކޮށްފައިވެއެވެ.

ފާއިތުވި އަހަރުގެ ޖުލައި 31 ގައި އުފެއްދި ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އަކީ ގޭމަރުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އުފައްދާފައިވާ ވެބް ބޭސްޑް އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގެ މައިގަނޑު މަޤްޞަދަކީ ޒިންމާދާރު ގޭމިންގ ސަޤާފަތެއް އުފެއްދުމާއި، ގޭމަރުން އެކަމަށް ހޭލުންތެރިކުރުވުމެވެ.

މިއަދު އޮންލައިން