"ނިއުޔޯކް ޑެކްލެރޭޝަން" އަކީ، ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް ބައިނަލްއަޤުވާމީ މައިދާނުން ދޭ އެއްބާރުލުމުގެ ފާޅުކަން ބޮޑު ހެއްކެއް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
"ނިއުޔޯކް ޑެކްލެރޭޝަން" އަކީ، ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް ބައިނަލްއަޤުވާމީ މައިދާނުން ދޭ އެއްބާރުލުމުގެ ފާޅުކަން ބޮޑު ހެއްކެއް: ރައީސް

ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރު، "ނިއުޔޯކް ޑެކްލެރޭޝަން" ބަލައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީ ބަޔާނެއް ނެރުއްވައިފިއެވެ.

މި ބަޔާނުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި 28 އިން 30 އަށް، ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގައި، އ.ދ ގައި ބޭއްވުނު މަތީ ފެންވަރުގެ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ނަތީޖާ ކަރުދާހެއްގެ ގޮތުގައި އައި "ނިއުޔޯކް ޑެކްލެރޭޝަން" އަކީ ދިވެހި ސަރުކާރުން މަރުޙަބާކިޔާ ކަމެއް ކަމަށެވެ.

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ޑެކްލެރޭޝަނަކީ ފަލަސްޠީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތަށާއި، ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށާއި، އެ ދައުލަތަށް އ.ދ ގެ ފުރިހަމަ މެންބަރުކަން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން ދޭ އެއްބާރުލުމުގެ ފާޅުކަން ބޮޑު ހެއްކެކެވެ.

އަދި މި ޑެކްލެރޭޝަނަކީ އިސްރާއީލުން ފަލަސްޠީނަށް ކެނޑިނޭޅި ދެމުންދާ ޙަމަލާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދައިދިނުމަށާއި، ފަލަސްޠީނުގެ އިޤްތިޞާދީ ޤާބިލުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަޤުވާމީ މައިދާނުން އެކަށައެޅި ވަރުގަދަ އިލްތިޒާމެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ބަޔާނުގެ ނިންމުމުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ޤުދުސް ހިމެނޭހެން، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ.ގެ ގުޅުންހުރި ޤަރާރުތަކާ އެއްގޮތްވާގޮތުގެ މަތިން ފަލަސްޠީނުގައި މިނިވަން، މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް، ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު އެއްބާރުލުން ދެމުންގެންދާނެ ކަމަށެވެ.

މިއަދު އޮންލައިން