އަޅުގަނޑަކީ މާސިފަރީތި އަންހެނެއް ނޫނެވެ. އަދި މިޒަމާނުގެ ހެދުންލައި މިޒަމާނުގެ ގިނަ ބައަކު އުޅޭ ގޮތަށް އުޅޭ އަންހެނެއްވެސް ނޫނެވެ. އެހެންވެ ވަޒިފާއެއް ހޯދުންވީ ވަރަށް އުނދަގޫ ކަމަކަށެވެ.
އެތައް ތަނަކަށް ސީވީ ހުށަހެޅީމެވެ. ފުރަތަމަ ޑިގްރީއަށް ކިޔަވައިގެން ލިބުނު މާކްސްވެސް ދަށީއެއް ނޫނެވެ. އެކަމަކު ކޮލިފައިވާ ކަމަކަށް ނުވެއެވެ. އެފަދަ ގޮތަކަށް އުޅެނިކޮށް މަންމަ ބަލިވެއްޖެއެވެ. ޢާއިލާއަށް ފައިސާ ދަތިވެއްޖެއެވެ. ހަދާނެ އެއްވެސް ގޮތެއް ނެތް ޙާލަތަށް ދިއުމުން ހިނގަނިކޮށް ފިހާރައަކުން ވަޒީފާއެއް ލިބުމުން އުފަލުން ޤަބޫލުކުރީމެވެ.
ވެވުނުހައި ރަނގަޅަކަށް ޚިދުމަތްދޭން މަސައްކަތްކުރާއިރުވެސް އަންނަ ބައެއް ކަސްޓަމަރުންނަކަށް އަޅުގަނޑު ކަމަކު ނުދެއެވެ. އެއީ އެމީހުން ދައްކާ ބޭކާރު ވާހަކަތަކަށް ޖަވާބު ނުދޭތީއެވެ. ހިނިތުންވުމަކުން ނިންމައިލާތީއެވެ.
ކޮންމެއަކަސް ވަޒީފާގައި 4 މަސް ވީތަނާ ކުރިން މިބުނި ފަދަ ކަމެއްގައި މީހަކު އަޅުގަނޑާއިމެދު ދޮގު ޝަކުވާއެއް ކުރުމުން ކަސްޓަމަރުންގެ ކުރިމަތީގައި އަޅުގަނޑަށް ވަރަށް ހަޑިކޮށް އެއްޗެތި ގޮވާފައި ވަޤުތުން ވަޒިފާއިން ވަކިކުރުމުން ނުކުމެވުނީ ރޮމުންނެވެ. ރޮވުނީ އެއްޗެތި ކިޔައިގެނެއްވެސް ނޫނެވެ. ވަޒީފާ ގެއްލުމުން މަންމައަށް އެހީތެރި ނުވެވޭނެތީއެވެ.
ނުކުމެ އުޑަށް ބަލައިގެން އިރުކޮޅަކު ހުރެފައި މާތް ﷲ އަށް ޙަމްދުކޮށް މޫނުގައި ދެއަތް އަޅާފައި ނެގިވަޤުތު މީހަކު ކޮނޑުގައި އަތްޖައްސާލުމުން ބަލައިލެވުނުއިރު އެއީ ޢުމުރުން ދުވަސްވީ އަންހެނެކެވެ. އެއިރުވެސް އަޅުގަނޑަށް ރޮވުނެވެ. އޭނާ އަޅުގަނޑު ނުރޯން ބުނެފައި އަތުގައި ހިފައިގެން ކައިރީގައި ހުރި ކޮފީ ވިއްކާ ތަނަކަށް ވަނެވެ.
އޭނާ ސުވާލުކުރުމުން ރޮވުނު ސަބަބު ކިޔައިދިނީމެވެ. އޭނާ ބުނީ އެއިރު ޢޭނާހުރީ ފިހާރައިގައި ކަމަށާއި ކަންކަން ވީގޮތް އެނގޭކަމަށެވެ. އޭނާ އަޅުގަނޑަށް އެހީތެރިވާނެ ކަމަށެވެ.
ހަމައެރޭ އޭނާ އަޅުގަނޑުމެންގެ ގެއަށް ދިއައެވެ. މަންމަ ޢާއި ބައްދަލުކޮށް ހަދާފައި އަޅުގަނޑު ގާތުގައި ބުނީ ވަޒިފާއެއް ހޯދަން ނޫޅެ މަންމަ ބަލަންހުރުމަށެވެ. އަޅުގަނޑުމެންނަށް ދަތިނުވާނެ ވަރަށް ކަންކަން ކޮށްދޭނެ ކަމަށެވެ.
އޭނާވީ ވައުދު ފުއްދިއެވެ. އެހީތެރިވިއެވެ. އެއިގެ އިތުރުން އަޅުގަނޑަށް ހެޔޮލަފާ ފިރިއަކުވެސް ހޯދައިދިނެވެ. ކައިވެނީގައި މިހާރު 6 އަހަރުވީއެވެ. އިރާދަފުޅުން އުޅެނީ ހަމަ އުފަލުގައެވެ. ފިރިމީހާއަކީ އެހައި ތަނަވަސް މީހެއް ނޫން ނަމަވެސް ޢާއިލާގެ ޒިންމާ އުފުލައެވެ. ކަމަކަށް ދަތިވިއަކަ ނުދެއެވެ. އެއިގެ އިތުރުން އެދައްތަ މީހާރުވެސް އެހީތެރިވެއެވެ.
އަޅުގަނޑުގެ މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްބާކޮށްލި ބޭނުމަކީ ފިހާރަތަކުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ އަނހެންކުދިންނަށް ޢިބްރަތަކަށެވެ. ތުންފުއްސަކަށް ނުވެގެން ވަޒީފާ ގެއްލުނަސް ޢަބުރު ރައްކައުތެރިކުރާނަމަ ރަނގަޅު ގޮތް ފެންނާނެ ވާހަކަ ބުނެލުމަށެވެ.
- ޒުލްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް