ހުޅުމާލެ ފޭސް ދޭއްގެ މައި ޕާކު އޭރިއާއެއްގެ ގޮތުގައި ފަރުކޮޅުފުށި ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ މިއަހަރު އިފްތިތާހުކުރި ހުޅުމާލޭގެ އައު މާސްޓަރ ޕްލޭންގައި ހިމެނޭ އެންމެ މުހިންމު އެއް މަޝްރޫއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކާ، އެތަނުގައި މީހުން ދިރިއުޅޭތާ 5 އަހަރެއްހާ ދުވަސް ވެގެން ގޮސްފައިވާއިރު، އާންމުން އެއްވެ އުޅުމަށާއި ކުޑަކުދިންނާއެކު ވަގުތު ހޭދަކުރުމަށް އެކަށީގެންވާ ސަރަހައްދުތަކެއް ނެތްކަން ފާހަގަކުރެވެއެވެ. މިހާތަނަށް އެއްވުންތަކަށް ބޭނުންކުރަމުން އައީ ބީޗް އޭރިއާ އެކަންޏެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފަރުކޮޅުފުށީގައި ހުރި ތާރީޚީ "އެސްޖެހިގެ" އިމާރާތް އެގޮތުގައި ދެމެހެއްޓުމަށްޓަކައި މަރާމާތުގެ މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އިމާރާތް ބޭނުންކުރާނީ ކެފޭ އަދި ރެސްޓޯރަންޓެއްގެ ގޮތުގައެވެ.
ފަރުކޮޅުފުށި ޕާކުގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ހިންގޭނެ ވަސީލަތްތައް ޤާއިމުކުރެވޭނެއެވެ. މީގެ ތެރޭގައި އައުޓްޑޯ ޖިމްއަކާއި، ފުޓްބޯޅަ ޕިޗަކާއި، އެހެނިހެން ކުޅިވަރު ކުޅެވޭނެ ސަރަހައްދުތައް ހިމެނެއެވެ. މީގެއިތުރުން ބާބަކިއު އޭރިއާއަކާއި، ކާބޯތަކެތި ވިއްކާ ތަންތަން ވެސް ހިމެނޭނެއެވެ.
އެޗްޑީސީން ވިދާޅުވެފައިވާ ގޮތުގައި، ފަރުކޮޅުފުށި ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމުން، އެތަން ވެގެންދާނީ ހުޅުމާލެ ފޭސް 2 ގެ ކޮމިއުނިޓީ ހަބަށެވެ. މިތަނަކީ އާއިލާތަކަށް އެއްވެ، ވަގުތު ހޭދަކޮށް، އެކި ހަރަކާތްތައް ހިންގޭނެ މުހިންމު މަރުކަޒަކަށް ވެގެންދާނެއެވެ.