އާރުޓީއެލްގެ ދަތުރުފަތުރުގެ ޚިދުމަތް ރާއްޖޭގެ އިތުރު އަތޮޅުތަކަށް ފުޅާކުރުމުގެ މަޤްސަދުގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 12 އާރްޓީއެލް ފެރީއާއި، ޒޯން ފެރީ ޓަރމިނަލްއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާޙިމް ޔާސިރް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތުދެއްވަމުން ޑެޕިއުޓީ މިނިސްޓަރ ޔާސިރް ވިދާޅުވީ، ރާއްޖޭގެ އާރްޓީއެލްގެ ޚިދުމަތް އިތުރު ރަށްތަކާއި އަތޮޅުތަކަށް ފުޅާކުރުމަށްޓަކައި މިހާރުވެސް 4 ފެރީއެއް ބަނުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މި ފެރީތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބެކަޕް ފެރީތަކެއްގެ ގޮތުގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޔާސިރް އިތުރަށް ވިދާޅުވީ، އިތުރު ފެރީތައް ބަނުމަށް ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ. މި މަސައްކަތަށް އިންޑިއާ ސަރުކާރުގެ ފަރާތުން 100 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް ލިބިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"100 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ވަނީ ލިބިފަ. އެއީ 12 ފެރީ ބަނުމުގެ މަސައްކަތަށް. އަދި ޒޯން 2 ގެ މައި ފެރީ ޓަރމިނަލް، އުނގޫފާރުގެ ފެރީ ހަބް އަޅާނީ މި އެހީގަ. މި މަސައްކަތްތައް ވަރަށް އަވަހަށް ފަށާނަން." ޑެޕިއުޓީ މިނިސްޓަރ އިބްރާޙިމް ޔާސިރް ވިދާޅުވިއެވެ.
ޑެޕިއުޓީ މިނިސްޓަރު ޔާސިރް ވިދާޅުވި ގޮތުގައި ޒޯން ފެރީ ޓަރމިނަލްތަކަކީ، އެ ޒޯނެއްގެ ހުރިހާ އަތޮޅުތަކާއި ރަށްތަކުގެ ޚިދުމަތް ބަލަހައްޓާ މައި ޓަރމިނަލް ހަބްއެވެ. އިންޑިއާގެ ހިލޭ އެހީގެ ދަށުން ރ. އުނގޫފާރުގައި ތަރައްޤީކުރާ ފެރީ ޓަރމިނަލް މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު އެރަށަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ޓަރމިނަލްގެ ޢަމަލީ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެކަމަށް ޔާސިރް ވަނީ ވިދާޅުވެފައެވެ.
މި މަސައްކަތްތައް ނިމުމުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފަސޭހަތަކެއް ލިބި، ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް ލަފާކުރެވެއެވެ.