ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމަކީ ސަމާލުކަން ނުދީފިނަމަ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެ ކަމެއް!

ކިޔުމަށް ހޭދަވާނީ 7މ 3ސ
ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމަކީ ސަމާލުކަން ނުދީފިނަމަ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެ ކަމެއް!

ޢަލީ އިޙްޞާން ފިރާޤް

 

ކުޑަކަމުދާ ނިޒާމަށް ތަފާތު ބަލިތައް ޖެހިގެން ފަރުވާހޯދަންޖެހޭ މީހުން އަންނަނީ ގިނަވަމުންނެވެ. ބައެއް ޙާލަތްތަކުގައި ބޮޑެތި އޮޕަރޭޝަންތައްކުރަންޖެހެއެވެ. އަދި އެކަމުގެ ވޭނުގައި ޢުމުރަށް އުޅެންވެސް އެބަޖެހެއެވެ. އެހެންވެ މިގެނެސްދެނީ ހޭލުންތެރިކަން އިތުރުވެ ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ 

ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން (urinary tract infection) ނުވަތަ ކުޑަކަމުދާ ނިޒާމަށް ޖެހޭ އިންފެކްޝަންއަކީ ކުޑަކަމުދާ ނިޒާމުގެ ކޮންމެ ބަޔަކަށްވެސް ނުވަތަ ގުނަވަނަކަށްވެސް ޖެހިދާނެ އިންފެކްޝަންއެކެވެ. މައުލޫއަށް ފަށައިގަތުމުގެ ކުރީން، ކުޑަކަމުދާ ނިޒާމުގެ ބައެއް ގުނަވަންތަކާއި އެ ގުނަވަންތަކުގެ ވަޒީފާ  ނުވަތަ ފަންގްޝަން ބަޔާން ކުރަން ގަސްދުކުރަމެވެ.

ކިޑްނީ ނުވަތަ ގުރުދާ:  ކިޑްނީގެ މައިގަނޑު މަސައްކަތަކީ ލޭ ސާފުކޮށް ފުރާނައިދީ، ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް ކުޑަކަމުދާ ތަކެތީގެ ޒަރިއްއާއިން ބޭރުކުރުމެވެ.

ޔޫރެޓަރސް (ureters) : ކިޑްނީއިން ކުޑަކަމުދާތަކެތި ބްލެޑަރ ނުވަތަ މަޘާނާއަށް ގެންގޮސް ދެނީ ޔޫރެޓަރސް މެދުވެރިކޮށެވެ.

ބްލެޑަރ (bladder) ނުވަތަ މަޘާނާ : ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކުރުމުގެ ކުރިން ރައްކާކޮށްފައި ހުންނަނީ މަޘާނާގައެވެ. ނުވަތަ ބްލެޑަރ ގައެވެ.

ޔޫރެތްރާ (urethra) : މިއީ މަޘާނާ ނުވަތަ ބްލެޑަރ އިން ކުޑަކަމުދާތަކެތި ހަށިގަނޑުން ބޭރަށް ގެންގޮސްދޭ ހޮޅިއެވެ.

މަޘާނާ އަދި ގުރުދާ ފަދަ ލަފްޒުތަކަކީ ދިވެހި ކުރެވިފައިވާ ބޭރު ބަސްބަހެވެ. މިސާލަކަށް ގުރުދާ (گردہ) އަކީ އުރުދޫބަހުން ކިޑްނީއަށް ކިޔާނަމެވެ. އުރުދޫބަހުންނާއި ޢަރަބިބަހުން ބްލެޑަރއަށް ކިޔަނީ މަޘާނާ (مثانه) އެވެ. މި މަޒުމޫނުގައި އަޅުގަނޑު ބޭނުންކުރާނީ  މި ގުނަވަންތަކަށް ކިޔޭ އިނގިރޭސި ނަންތަކެވެ.

ކުރިންވެސް ދެންނެވިފައިވާނެ ފަދައިން ކުޑަކަމުދާ ނިޒާމަށް ޖެހޭ އިންފެކްޝަން ކުޑަކަމުދާ ނިޒާމުގެ ކޮންމެ ގުނަވަނަކަށްވެސް ޖެހިދާނެއެވެ. ނަމަވެސް އެންމެ ގިނައިން ފާހަގަ ކުރެވެނީ ބްލެޑަރ އަދި ޔޫރެތްރާ އަށް ޖެހޭ އިންފެކްޝަންއެވެ. ފިރިހެނުންނަށްވުރެ ބޮޑަށް މި އިންފެކްޝަންގެ ނުރައްކާ ބޮޑީ އަންހެނުންނަށެވެ. ބްލެޑަރގައި އިންފެކްޝަން އުފެދިއްޖެނަމަ އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ތަދު އިހުސާސް ކުރަން ޖެހެއެވެ. މީގެ އެންމެ ބޮޑު ނުރައްކަލަކީ ބްލެޑަރގައި އުފެދޭ އިންފެކްޝަން ކިޑްނީއަށް ދިޔުމެވެ. 

ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން (UTI) އަށް ފަރުވާ ކުރުމަށްޓަކައި ބަލި މީހާއަށް އެންޓިބަޔޮޓިކް ދެއެވެ. މި އިންފެކްޝަންއަކީ ރަނގަޅަށް ސާފުތާހިރުވެ، ބަލައިގެން އުޅެފިނަމަ ރައްކާތެރިވެވިދާނެ އިންފެކްޝަންއެކެވެ. 

ބައެއް އަލާމާތްތައް:

ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުން ނުވަތަ އިންފެކްޝަންއެއް ހުރިނަމަ މިދަންނަވާ އަލާމާތްތައް ފެނިދާނެއެވެ.

Ø   އަބަދު ކުޑަކަމުދާން ޖެހޭކަމުގެ އިހުސާސްވުން

Ø   ކުޑަކަމުދާއިރު ދިލަނެގުން

Ø   އަވަސްއަވަހަށް ކުޑަކަމުދާން ޖެހުން ނަމަވެސް ކުޑަކަމުދާއިރު މަދުން ދެވުން

Ø   ކުޑަކަމުދާ ތަކެތީގެ ކުލަ ނުސާފުކޮށް ނުވަތަ ފުސްކޮށް ހުރުން

Ø   ކުޑަކަމުދާ ތަކެތީގައި ރަތްކުލަ ނުވަތަ ލޭގެ އަސަރު ހުރުން

Ø   ކުޑަކަމުދާ ތަކެތީގައި އާދަޔާ ހިލާފަށް ވަސްގަދަވުން

Ø   ދަށްބަނޑާއި ބަނޑުކޮޅުގައި ރިއްސުން 

ގުނަވަންތަކަށް ހާއްސަ އަލާމާތްތައް: 

ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން އެޅުމުން ހާއްސަ ބައެއް އަލާމާތްތައް ފެނިދާނެއެވެ. އެ އަލާމާތްތައް ބިނާވެފައިވާނީ އިންފެކްޝަން އުފެދޭ ގުނަވަނުގެ މައްޗަށެވެ.

ކިޑްނީގައި އިންފެކްޝަން އުފެދިއްޖެނަމަ މިދަންނަވާ އަލާމާތްތައް ފެނިދާނެއެވެ.

Ø   ބުރަކަށި ނުވަތަ އަރިކަށި ނުވަތަ ކިޑްނީއާ ދިމާލުގައި ރިހުން

Ø   ހުންއައުން

Ø   ބޯއެނބުރުން

Ø   ހޮޑުލެވުން

ބްލެޑަރ ގައި އިންފެކްޝަން ހުރި ނަމަ މިދަންނަވާ އަލާމާތްތައް ފެނިދާނެއެވެ.

Ø   ފެލްވިކް ޕްރެޝަރ (Pelvic pressure)

Ø   ދަށްބަނޑުގައި ރިހުން ނުވަތަ ދަށްބަނޑަށް އުނދަގޫވުން

Ø   ގިނަގިނައިން ކުޑަކަމު ދެވުން، ކުޑަކަމުދާއިރު ތަދުވުން

Ø   ކުޑަކަމުދާތަކެތީގައި ލޭ ހުރުން

ޔޫރެތްރާ ގައި އިންފެކްޝަން ހުރި ނަމަ މިދަންނަވާ އަލާމާތްތައް ފެނިދާނެއެވެ.

Ø   ކުޑަކަމުދާއިރު ދިލަ ނެގުން ނުވަތަ ތަދުވުން

Ø   ކުރިމަތި ފަރާތުން ދިޔަ (ދޮސްފަދަ ތަކެތި)  ބޭރުވުން 

އިންފެކްޝަންގެ ސަބަބު:

އާންމުކޮށް ޔޫޓީއައި ޖެހެނީ ޔޫރެތްރާ މެދުވެރިކޮށް ކުޑަކަމުދާ ނިޒާމަށް ބެކްޓީރިއާ ވަދެ ބްލެޑަރގައި ފެތުރެން ފެށުމުންނެވެ. ކުޑަކަމުދާ ނިޒާމަކީ ބެކްޓީރިއާ ހަށިގަނޑުން ބޭރުކުރުމަށް ގުދުރަތުން ފަރުމާކުރެވިފައިވާ ނިޒާމެކެވެ. ނަމަވެސް ހަށިގަނޑުގެ ދިފާއީ ނިޒާމު ބައެއް ފަހަރު މިކަން ކުރުމަށް ފެއިލްވެއެވެ. ނަތީޖާއެއްގެ ގޮތުން ކުޑަކަމުދާ ނިޒާމުގައި ބެކްޓީރިއާތައް ގިނަވެ އިތުރުވެގެންދެއެވެ. 

ބްލެޑަރއަށް އިންފެކްޝަން ޖައްސާ މައިގަނޑު ބެކްޓީރިއާއަކީ އެޝެރިކިއާ ކޮލައި (Escherichia coli) ނަމަކަށް ކިޔާ ބެކްޓީރިއާ އެވެ. ކުރުކޮށް ކިޔާނަމަ އީކޮލައި (E. coli) އެވެ. އީކޮލައި އަކީ އާންމު ގޮތެއްގައި ބަނޑުގައި ހުންނަ ބެކްޓީރިއާއެކެވެ. މިނޫނަސް އެހެން ބައެއް ބެކްޓީރިއާގެ ސަބަބުންވެސް ބްލެޑަރގައި އިންފެކްޝަން އުފެދެއެވެ. 

އަންހެނުންނަށް ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން ޖެހުން ގިނަވާ ސަބަބަކީ އެމީހުންގެ ގުނަވަންތައް އުފެދިފައިވާ ގޮތުގެ ސަބަބުންނެވެ. ފިރިހެނުންނާ ހިލާފަށް އަންހެނުންގެ ފުރަގަސްފަރާތުން ކުރިމަތި ފަރާތަށް ޖަރާސީމު ފަސޭހައިން ފެތުރޭ ގޮތްވެއެވެ. އަދި އަންހެނުންގެ ޔޫރެތްރާ (urethra) ފިރިހެނުންނަށްވުރެ ކުރުވުމުގެ ސަބަބުން ފަސޭހައިން ބްލެޑަރއަށް ޖަރީސީމު ވަދެއެވެ. 

ޔޫރެތްރާ (urethra) އަށް އިންފެކްޝަން ޖެހެނީ ޖީއައި ޓްރެކް (GI tract) ގައި ހުންނަ ބެކްޓީރިއާ ކުޑަކަމުދާ ނިޒާމުގެ ތެރެއަށް ވަނުމުގެ ސަބަބުންނެވެ. ބައެއް ފަހަރު ޖިންސީ ގުޅުމުގެ ސަބަބުންވެސް ޔޫރެތްރާއަށް އިންފެކްޝަން ޖެހިދާނެއެވެ. އޭގެ ތެރޭގައި ހަރޕީސް، ގޮނޯރިއާ، ކްލެމިޑިއާ އަދި މައިކޯޕްލާސްމާ ހިމެނެއެވެ. 

ކޮމްޕްލިކޭޝަންތައް: 

މެޑިކަލް ކޮމްޕްލިކޭޝަނެއް ކުރިމަތިވުމަކީ ބައްޔެއް ނުވަތަ ސިއްހީ ހާލަތެއް ނުވަތަ ފަރުވާއެއްގެ ސަބަބުން ކުރިމަތިވާ ނުރަނގަޅު ނަތީޖާއެވެ. އެގޮތުން ކުޑަކަމުދާ ނިޒާމުގައި އުފެދޭ އިންފެކްޝަންއަށް ރަނގަޅަށް ފަރުވާ ނުކުރެވިއްޖެނަމަ އޭގެ ސަބަބުން އެތައް ސިއްހީ މައްސަލަތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ. އޭގެ ތެރޭގައި 

Ø   ތަކުރާރުކޮށް ކުޑަކަމުދާ ނިޒާމަށް އިންފެކްޝަން ޖެހުން. މީގެ މާނައަކީ 6 މަސް ދުވަހުގެ ތެރޭގައި ދެ ފަހަރަށް ވުރެ ގިނަ ފަހަރު ކުޑަކަމުދާ ނިޒާމަށް އިންފެކްޝަން ޖެހުމެވެ. އަހަރެއްގެ ތެރޭގައި ތިން ފަހަރަށްވުރެ ގިނައިން ކުޑަކަމުދާ ނިޒާމަށް އިންފެކްޝަން ޖެހުމެވެ.

Ø   ކިޑްނީއަށް ގެއްލުންވެ ހަލާކުވުން

Ø   މާބަނޑު ދުވަސްވަރު އޫޓީއައި ޖެހިއްޖެނަމަ ވިހާ ކުއްޖާގެ ބަރުދަން ލުއިވުމާއި، ދުވަސްނުފުރާ ވިހެއުން މެދުވެރިވުން

Ø   ފިރިހެނުންނަށް ތަކުރާރުކޮށް އިންފެކްޝަން ޖެހޭނަމަ ޔޫރިތްރާ ހަނިވުން

Ø   އިންފެކްޝަންގެ ސަބަބުން ފުރާނައަށް ނުރައްކާވާ ހާލަތެއްކަމުގައިވާ ސެޕްސިސް  (Sepsis) ޖެހުން 

ރައްކާތެރިވުން: 

ކުޑަކަމުދާ ނިޒާމަށް ޖެހޭ އިންފެކްޝަންތަކުން ރައްކާތެރިވުމަށްޓަކައި ތިރީގައި މިދަންނަވާ ކަންތައްތަކަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.

Ø   ގިނައިން ދިޔާ ތަކެތި ބުއިން ހާއްސަކޮށް ފެން ބުއިން: ގިނައިން ދިޔާތަކެތި ބުއިމުގެ ސަބަބުން ގިނައިން ކުޑަކަމުދެވެއެވެ. ނަތީޖާއެއްގެ ގޮތުން ކުޑަކަމުދާ ތަކެތީގެ ޒަރީއްއާއިން ބެކްޓީރިއާ ބޭރުވެ، ކިޑްނީ އާއި ބުލެޑަރ ސާފުކޮށްދެއެވެ.

Ø   ކުޑަކަމުދިޔުމަށްފަހު އަދި ބޮޑުކަމު ދިޔުމަށްފަހު ރަނގަޅަށް ސައިބޯނިލައިގެން ސާފުކުރުން

Ø   ކުޑަކަމުދިޔުމަށްފަހު ނުވަތަ ބޮޑުކަމު ދިޔުމަށްފަހު ކުރިމަތިން ފުރަގަހަށް ވާގޮތަށް ސާފުކުރުން

Ø   ޖިންސީގުޅުން ހިންގުމަށްފަހު ކުޑަކަމުދިޔުން އަދި ރަނގަޅަށް ސާފުކުރުން

Ø   ރައްކާތެރި ގޮތުގައި ޖިންސީގުޅުން ހިންގުން 

ކުޑަކަމުދާ ނިޒާމުގެ އެއްވެސް ކަހަލަ މައްސަލައެއް އުޅޭކަމުގެ އަލާމަތެއް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން ވަރަށް މުހިންމެވެ. ފަރުވާގެ ކަންތައްތައް ސިއްހީ މާހިރުން ދެއްވާ އިރްޝާދާއެކު ކުރިއަށް ގެންދެވިއްޖެނަމަ މިބާވަތުގެ ގިނަ އިންފެކްޝަންތައް ފަސޭހައިން ރަނގަޅު ކުރެވެއެވެ. މި ލިޔުމުގައި ހިމަނައިލި މައުލޫމާތު ނަގައިފައިވަނީ (www.mayoclinic.org) އާއި  (www.kidney.org) އިން ނެވެ. 

(ޢަލީ އިޙްޞާން ފިރާޤަކީ މެޑިސިންގެ ދާއިރާއިން ރާއްޖެއިން ބޭރުގައި ތަޢްލީމް ޙާޞީލްކުރަމުން އަންނަ ދަރިވަރެކެވެ.)

 

މިއަދު އޮންލައިން