މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ރާއްޖެއިން މަސް އެކްސްޕޯޓުކުރި މިންވަރު 67 އިންސައްތަ އިތުރުވެފައިވާކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
އެގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި 26,850.8 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކޮށްފައިވާއިރު، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 44,877.7 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކުރެވިފައިވާ ކަމަށް ވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 18,026.9 މެޓްރިކް ޓަނުގެ އިތުރުވުމެކެވެ.
މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި މަސް އެކްސްޕޯޓުކުރެވުނު މިންވަރު މަސް މަހަށް ތިރީގައި މިވަނީއެވެ.
• ޖަނަވަރީ މަހު 5،710 މެޓްރިކް ޓަނު
• ފެބްރުއަރީ މަހު 8،511 މެޓްރިކް ޓަނު
• މާރިޗު މަހު 7،376 މެޓްރިކް ޓަނު
• އެޕްރީލް މަހު 9،700 މެޓްރިކް ޓަނު
• މެއި މަހު 7،500 މެޓްރިކް ޓަނު
• ޖޫން މަހު 6,026 މެޓްރިކް ޓަނު
މަސް އެކްސްޕޯޓުކުރެވުނު މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު މިހާ ބޮޑުތަނުން އިތުރުވެފައި މިވަނީ، ރާއްޖޭގެ މަސްވެރިކަން މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލައިއިރު ހަރުދަނާކޮށް ރަނގަޅުވެފައިވާތީއެެވެ. ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް، ސިނާޢަތުން ގައުމީ އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި، ރާއްޖޭގެ މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް، މަސް ރައްކާކުރުމުގެ ޤާބިލިއްޔަތު އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ.
ހަބަރު: ސަރުކާރު