ސިއްޙީ ޚިދުމަތްތަކަށް އާރްޓީއެލް ފެރީގައި ދަތުރުކުރާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ސިއްޙީ ޚިދުމަތްތަކަށް އާރްޓީއެލް ފެރީގައި ދަތުރުކުރާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

ސިއްޙީ އެކިއެކި ޚިދުމަތްތަކަށް ދާއިމީކޮށް އާރްޓީއެލް ފެރީގައި ދަތުރުކުރާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.

މި ކަމާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން، ދަތުރުފަތުރާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ޔާސިރު ވިދާޅުވީ، "މިކަން ފެށުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުން ދަނީ. ޚިދުމަތް ފެށުމާ ވަރަށް ގާތަށް އާދެވިފައި ވަނީ" ކަމަށެވެ.

މި ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ދަތުރުފަތުރާ ބެހޭ ވުޒާރާއާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި އެމްޓީސީސީ ގުޅިގެންނެވެ. އެގޮތުން އެންސްޕާ މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސްގެ ޚާއްސަ ކާޑެއް ދޫކުރާނެ ކަމަށާއި، މި ކާޑު ބޭނުންކޮށްގެން ބަލިމީހާއާއި އެހީތެރިޔާއަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިހާރުވެސް ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އާރްޓީއެލްގެ ޚިދުމަތުގެ ތެރެއިން ހިލޭ ދަތުރުކުރެވެމުންދާކަމެވެ. އާރްޓީއެލްގެ ހައި ސްޕީޑް ފެރީގެ ޚިދުމަތަކީ، ބަރޯސާވެވޭ ނިޒާމެއްގެ ތެރެއިން އަގުހެޔޮކޮށް ދަތުރުކުރެވޭނެ ގޮތް ރައްޔިތުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ޚިދުމަތެކެވެ.

މި ވަގުތު އާރްޓީއެލްގެ ޚިދުމަތް 11 އަތޮޅެއްގައި ފެށިފައިވާއިރު، އާންމުންގެ ޚިޔާލުތަކާ އެއްގޮތަށް، ރައްޔިތުން ބޭނުންވާ ބަދަލުތަކާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އާންމުންނަށް ލުއިފަސޭހަވާނެ ގޮތަށް ބަދަލުތައް ގެންނަމުންދާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

މިއަދު އޮންލައިން