ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި 250 އެނދުގެ ޖާގަ ހިމެނޭ 10 ފަންގިފިލާގެ އިމާރާތެއް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މި އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ވިދާޅުވި ގޮތުގައި، މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ހޮސްޕިޓަލްގައި މިހާރު ހުސްކޮށް އޮތް ބިމުގައެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް މިހާރު ވަނީ ޕްލޭނިންގ މަރުހަލާގައެވެ.
މި މަޝްރޫޢުގެ ފައިނޭންސް ހަމަޖެއްސުމަށް މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ހެލްތު އަދި އިމާރާތްކުރުމާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުންދާ ހޮސްޕިޓަލްތަކުގެ ތެރޭގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލޭ ހޮސްޕިޓަލް އަދި ވިލިމާލޭ ހޮސްޕިޓަލް ހިމެނެއެވެ. މި ހޮސްޕިޓަލްތަކަކީ ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ޚިދުމަތް ހޯދަމުންދާ ތަންތަނެވެ.
އަލަށް އަޅާ އިމާރާތުގައި 250 އެނދުގެ އިތުރުން ޕްރައިވެޓް ރޫމްތަކެއްވެސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިމާރާތް އެޅުމުން ހުޅުމާލޭގެ އާބާދީއަށް އަމާޒުކޮށްގެން ދެވޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.