ދިވެހިރާއްޖެއަށް ޖަޕާން ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އޮނަރަބަލް މިސިސް އިޝިގާމީ ރުމިކޯ، ދިވެހި ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ނިޝާން އިއްޒައްދީން އިއްޒަތުގެ ވެރިޔާ އަލްމަރުޙޫމް ހަސަން ޞޯބިރު އަވަހާރަވުމާ ގުޅިގެން ހުޅުވާފައިވާ ތައުޒިޔާގެ ފޮތުގައި ސޮއިކުރެއްވުމަށް މިއަދު ފަތުރުވެރިކަމާއި ތިމާވެށީގެ ވުޒާރާއަށް ޒިޔާރަތް ކުރައްވައިފިއެވެ.
އަލްމަރުޙޫމް ހަސަން ޞޯބިރު އަކީ ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ފަޚުރުވެރި ސަފީރެއް އަދި ރައްޔިތުންނަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ކެރިއަރަކީ ފާހަގަކޮށްލެވޭ ކާމިޔާބު ކެރިއަރެކެވެ. އެގޮތުން ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމާއި، އެންމެ ފަހުން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުކަން ވެސް އެމަނިކުފާނު ވަނީ ކުރައްވާފައެވެ.
ދިވެހި ގައުމަށް އެމަނިކުފާނު ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން "ނިޝާން އިއްޒުއްދީން" ގެ އިއްޒަތް ވެސް ވަނީ އަރުވާފައެވެ. އެމަނިކުފާނުގެ ޚިދުމަތްތަކުގެ ފުން ހަނދާންތަކާއި އެޅުއްވި ބިންގާ ދިވެހި ތާރީޚުގައި އަބަދަށްޓަކައި ދިރިހުންނާނެއެވެ.
ހަބަރު: ސަރުކާރު