މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ އައު ވެރިޔަކަށް އިސްމާއިލް ސާޖިދު އައްޔަންކޮށްފިއެވެ. މިއީ އެމްއެމްއޭގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ގެންނަމުންދާ ސްޓްރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ގެނެވުނު ބަދަލެއްކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.
މި މަޤާމުގައި ކުރިން ހުންނެވި އަލްއުސްތާޛު އަބްދުﷲ އަޝްރަފު ވަނީ 31 ޖުލައި ގައި ހެޑް އޮފް ރިސްކް އެންޑް ކޮމްޕްލަޔަންސްގެ މަޤާމަށް ބަދަލުކުރައްވާފައެވެ. ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓަކީ މާލީ ފްރޯޑްތައް ބެލުމަށް އެމްއެމްއޭގައި ޤާއިމުކޮށްފައިވާ ޚާއްސަ ޔުނިޓެކެވެ.
އައު ވެރިޔާގެ ގޮތުގައި އައްޔަންކުރެވުނު އިސްމާއިލް ސާޖިދަކީ މީގެ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރެއްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މިދިޔަ ޖުލައި މަހު އެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
މި ބަދަލާއެކު އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މާލީ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް އެމްއެމްއޭއިން އުންމީދުކުރެއެވެ.