76 މާކްސް އަށްވުރެ މަތިން ލިބުނު ފަރާތްތަކަށް ފްލެޓު ނުދީ 75 މާކްސް ލިބުނު ފަރާތްތަކަށް ފްލެޓު ދީފައިވާކަން ވަނީ ފާހަގަކުރެވިފަ: ވުޒާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
76 މާކްސް އަށްވުރެ މަތިން ލިބުނު ފަރާތްތަކަށް ފްލެޓު ނުދީ 75 މާކްސް ލިބުނު ފަރާތްތަކަށް ފްލެޓު ދީފައިވާކަން ވަނީ ފާހަގަކުރެވިފަ: ވުޒާރާ

ގެދޮރުވެރިޔާގެ ކުރީގެ ފައިނަލް ލިސްޓުގައި 76 މާކްސް އަށްވުރެ މަތިން ލިބުނު ފަރާތްތަކަށް ފްލެޓު ނުދީ 75 މާކްސް ލިބުނު ފަރާތްތަކަށް ފްލެޓު ދީފައިވާކަން ފާހަގަކުރެވިފައިވާތީ، ފްލެޓު ދިނުމުގައި މިހާރު އިސްކަން ފުރަތަމަ ދޭނީ 76 މާކްސް ލިބިފައިވާ ފަރާތްތަކަށްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވިދާޅުވި ގޮތުގައި، ކުރިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފުލެޓް ލިބެނީ 76 މާކްސްއިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

ނަމަވެސް، 2023ގެ ނޮވެމްބަރު މަހު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، 76 މާކްސްއަށް ވުރެ މަތިން މާރކްސް ލިބި ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ތިބިކަން ފާހަގަކުރެވިފައިވާ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ. އަދި 76 މާކްސްއަށް ވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިނުވަނީސް، 75 މާކްސް ލިބުނު ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވާކަންވެސް ފާހަގަކުރެވިފައިވެއެވެ.

"މިހާރު އަޅުގަނޑުމެން އިސްކަންދޭނީ 76 މާކްސްއަށްވުރެ މަތިން މާކްސް ލިބުނު ފަރާތްތަކަށް ފްލެޓު ދިނުމަށް. އޭގެ ފަހުން ބާކީވާ ފްލެޓުތައް 75 މާކްސްއަށްވުރެ މަތިން މާކްސް ލިބުނު ފަރާތްތަކަށް ދިނުމުގެ މަސައްކަތް ކުރިއަށްގެންދާނަން،" ވުޒާރާއިން ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 2،665 މީހެއްގެ ނަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ އެއްބަސްވުން އެކުލަވާލުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ފޮނުވާފައެވެ. އަދި މިހާތަނަށް 200 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުން އެކުލަވާލާފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.

މިއަދު އޮންލައިން