ސީދާގޮތުން އާމްދަނީ ވައްދާނެ މަޝްރޫއަކަށް ލޯނު ނެގުމަކީ ދަރަނިވެރިވުން ކަމަށް ދެކުމަކީ ހަނި ވިސްނުމެއް: ސައީދު

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 22ސ
ސީދާގޮތުން އާމްދަނީ ވައްދާނެ މަޝްރޫއަކަށް ލޯނު ނެގުމަކީ ދަރަނިވެރިވުން ކަމަށް ދެކުމަކީ ހަނި ވިސްނުމެއް: ސައީދު

ރާއްޖޭގެ އިޤްތިޞާދަށް ސީދާގޮތުން އާމްދަނީ ވައްދާނެ ހަރުމުދަލެއް ނުވަތަ މަޝްރޫއެއް ކުރިޔަށް ގެންދިޔުމަށް ދަރަނި ނެގުމަކީ ރާއްޖެ ދަރަނިވެރިވުންކަމަށް ދެކުމަކީ ވަރަށް ހަނި ވިސްނުމެއްކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ތަރައްޤީކުރުމުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުންނެވެ.

ވަޒީރު ސަޢީދު ފާހަގަކުރެއްވިގޮތުގައި ވީއައިއޭ ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ދައުރުގައި ފެށި މަސައްކަތެކެވެ. އެ މަސައްކަތް ފެށުނީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މައިދޮރާށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޖާގައިގެ ހަނިކަމާއި ޚިދުމަތް ފުޅާކުރުމަށް އޮތް ދަތިކަން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ފާހަގަކުރަމުންދާތީއެވެ. އެގޮތުން، އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފެއްޓެވިއިރު، އެކަމަށް ފައިސާ ހޯދާނެ ގޮތާއި، ދަރަނި ދައްކާނެގޮތުގެ ހުރިހާ މަޝްވަރާތަކެއް ކޮށް، ފުރިހަމަ ޕްލޭނަކާއެކު ފީސިބިލިޓީ ސްޓަޑީތައް ހަދައި، މާލީގޮތުން ދެކޮޅުޖެހޭނެ މަޝްރޫޢެއްކަމަށް ޤަބޫލުކޮށްގެންކަން ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، ރައީސް ޔާމީނުގެ ސަރުކާރުން ވީއައިއޭގެ މަސައްކަތް ފެއްޓެވިއިރު، އިންފްރާސްޓްރަކްޗަރ ވަޒީރަކަށް ހުންނެވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށާއި، އިޤްތިޞާދީ ވަޒީރަކަށް ހުންނެވީ އަދުގެ ވަޒީރު މުޙައްމަދު ސަޢީދުކަމަށެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ އެއަރޕޯޓުގެ ކެޕޭސިޓީ ލިމިޓުވުންކަން އެވަގުތުވެސް ފަންނީ ބޭފުޅުންނާއި ދިރާސާތަކުން ދައްކާފައިވާކަމަށެވެ.

ވީއައިއޭ ތަރައްޤީއަށް ކުރިމަސައްކަތްތަކަށް ވޭތުވެދިޔަ 8 އަހަރުގެ ތެރޭގައި 3 ސަރުކާރަކުން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މިފަދަ މުހިންމު މަޝްރޫއުތަކަށް ލޯނު ނެގުމަކީ ގައުމު ދަރުވާލަން ކުރާ ކަމެއްގެ ގޮތުގައި ދެއްކުމަކީ ވަރަށް ހަނި ވިސްނުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

"ރާއްޖޭގެ އިޤްތިޞާދު އިތުރު ހަރުފަތަކަށް ގެންދާނެ ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢަކަށް މުޅި ޤައުމު ދަރަނިވެރިކުރުވި މަޝްރޫޢެއްކަމަށް ބަޔަކު ބުނާނަމަ އެއީ ހަނި ވިސްނުމެއް" ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި ޖީީއެމްއާރަށް އެއަރޕޯޓު ދިން ބޭފުޅުން، އެނބުރި އެއީ ދަރަނީގެ ކޮންޓްރިބިއުޝަންއެކޭ ވީއައިއޭއަކީ ބުނާތީ ހައިރާންވާކަމަށާއި، އެއީ އެއްވެސް ޙަގީގަތެއް އޭގައި އޮތް ވާހަކައެއް ނޫންކަމަށެވެ.

ވަޒީރު ސަޢީދު ވަނީ ދަރަނި ދެއްކޭނެ އިންތިޒާމެއް ނެތި ނިމިދިޔަ ދައުރުގައި 40 ބިލިޔަން ރުފިޔާގެ ދަރަންޏެއް އުފައްދާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އޭރު މަޝްރޫޢުގެ މަސައްކަތުގައި ފަރުވާ ކުޑަކުރުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން ވަރަށް ކުޑަ މުއްދަތެއްގެ ތެރޭގައި އެއަރޕޯޓުގެ އައު ޓަރމިނަލް އޮޕަރޭޝަނަލައިޒް ކުރެއްވުމަށް ދަތި އުނދަގޫތަކާއެކުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަންޖެހިވަޑައިގަތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އޕަރޭޝަނަލައިޒް ކުރުމަށްޓަކައި ކުރަން ޖެހުނު މަސައްކަތްތައް އިންތިހާއަށް ގިނަވެގެން ގޮސްފަ ހުރީ، ވަރަށް ބޮޑު އޮޅުން ބޮޅުންގަނޑެއްގެ ތެރޭގައި އޮތީ އަޅުގަނޑޫ ނެތިން އޭގެ ތަފްސީލަކަށް ދާން. އެއާޕޯޓުގެ އެމްޑީ ޝަރީފުގެ ވާހަކަފުޅުގައި އެވާހަކަތައް ވަރަށް ރަނގަޅަށް ކިޔައިދެއްވާފަ ވާނީ. ތަފްސީލަކަށް ނުގޮސް ދަންނަވާކަމަށްވަންޏާ އެ ހުރިހާ އުދަގޫތަކެއް ކަނޑައްތުކުރުމަށްފަހު ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެއާޕޯޓް މިވަނީ އެންމެ ޒަމާނީ ފެންވަރަށް ތައްޔާރުވެ އޮޕަރޭޝަނަލައިޒް ކުރެވިފައި." ވަޒީރު ވިދާޅުވިއެވެ.

މިއަދު ވީއައިއޭއަކީ ދިވެހިން ފަޚުރުވެރިވާފަދަ އެސެޓަކަށް ވެފައިވާކަމަށާއި، އައު ޓަރމިނަލް އޮޕަރޭޝަނަށް ގެނެވުމާއެކު ފޮރިން އިންވެސްޓަރުންނަށްވެސް ރާއްޖެއާމެދު އިތުރު ޔަޤީންކަމެއް އުފެދިފައިވާކަން ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ. އެއަރޕޯޓުގެ ތަރައްޤީއަށް ހުރިހާ ފައިސާއަކާއި ކޮންޓްރެކްޓަރާއި ހުރިހާކަމެއް ހަމަޖެހިފައި އޮތްއިރުވެސް، ހަމައެކަނި ޓާމިނަލްގެ މަސައްކަތް ނުނިމި 5 އަހަރުވުމަކީ ކުރީ ސަރުކާރުގެ އިޚްލާސްތެރިކަން ނެތުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން